އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" ގެނެސްދޭން ނިންމައިފިއެވެ.

މީގެ ތިން ވަރަކަށް އަހަރުކުރިން ފިލްމު ޝޫޓްކޮށް ފިލްމުގެ މަސައްކަތް ނިމުނު ނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ފިލްމު އެޅުވޭނެ މަގު އެއްކޮށް ބަންދުވިއެވެ. އޭގެ ތިން އަހަރު ފަހުން މިއަހަރު އޮލިމްޕަސް ހުޅުވައި ފުލުފުލުގައި ދިވެހި ފިލްމުތައް ދައްކަމުން އަންނަ މި ދަނޑިވަޅުގައި ވަނީ "ނީނާ" ގެ ޓްރެއިނިން ތައް ފެންނަހެން ހަދާފައިވާ ވީޑިއޯ އެއް އާންމު ކޮށްފައެވެ. ފިލްމުގެ ޓީޒާ މީގެ ކުރިން ދެއްކިއިރު މި ފިލްމުގެ ޓީޒާ އަށް ވަނީ އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ. މަޝްހޫރު ތަރި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކުރި ފިލްމެކެވެ.

ނުޒޫގެ ގިނަ ލުކްތަކެއް ފެނިގެންދާ މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.

މިހާރު އޮލިމްޕަސް ސިނަމާގައި އަޅުވާފައި އޮތީ ޑައިރެކްޓަރު އަލީ ސީޒަން ގެ "ލޯބިވެވިއްޖެ" އެވެ.