ބިޑަކާ ނުލައި އިގްތިސޯދީ ބޭނުމަށް ފަޅު ރަށް ކުއްޔަށް ދޫ ކުރެވޭ ގަވައިދެއް އެކުލަވާލައި އެ ގަވައިދަށް އަމަލު ކުރަން ފަށައިފިއެވެ.
މިދިޔަ ބުދަ ދުވަހު އެކުލަވާލި މި ގަވައިދުގެ ދަށުން ފަޅުރަށެއްގައި އިގްތިސޯދީ މަސައްކަތެއް ހިންގުމަށްޓަކައި އެ ރަށަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީ ކުރާރަށެއްގެ ގޮތުގައި ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް ރައީސްއެވެ.
އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ކަނޑައަޅާ ރަށް، ރަށު ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށެއް ކަމުގައިވާނަމަ އިހުތިސާސުން އެ ފަޅުރަށެއް އުނިކުރަންޖެހޭނެއެވެ. އަދި ގަވާއިދުގެ ދަށުން އެކުލަވާލާ އިންޑަސްޓްރިއަލް ރަށްރަށުގެ ދަފްތަރުގައި ހިމަނަން ޖެހޭނެ ކަމަށް ގަވައިދުގައިވެއެވެ.
މި ގަވައިދުގެ ދަށުން ފަޅު ރަށްތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ 2 ގޮތަކަށެވެ. އެއީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނު ކޮށްގެން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއްހުށަހަޅާ ފަރާތަކަށް ދިނުމާއި އަންސޮލިސިޓަޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ރަށުގައި ކުރަންބޭނުންވާ ކަމަކާބެހޭ ތަފުސީލު ޕްރޮޕޯޒަލް ހުށަހެޅުމުން އެ ޕޮލިސީގެ ދަށުން ހުއްދަދެވޭ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ރަށް ކުއްޔަށް ދިނުމެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ފަޅުރަށްތަކާއި ހަމައެކަނި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިގްތިސޯދީ ބޭނުމަށް ކުއްޔަށްދޫކުރެވޭ ފަޅުރަށްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ވަރުވާއަށް ލިޔެދޭ ފަޅުރަށްތަކަށް މި ގަވައިދުގެ ނުހިނގާނެއެވެ.
މި ގަވާއިދުގެ ދަށުން 21 އަހަރަށް ރަށްތައް ކުއްޔަށް ދެވޭއިރު ކުއްޔަށްދޭ ރަށްރަށުގެ މުއްދަތު އިރުރު ކުރަން ބޭނުންނަ ނަމަ ކުއްޔަށް ދިން މުއްދަތު ހަމަވުމުގެ 12 މަސްދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ. މުއްދަތު އިތުރު ކުރުމަށް އެދުމުން 50 އަހަރާ ހަމައަށް މުއްދަތު އިތުރުކޮށް ދިނުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެއެވެ.
އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ، ކޮށްފައިވާ ކަމެއްގެ ކުޑަބޮޑުމިނަށް ބަލައި 1 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ނޫންއަދަދަކުން ޖޫރިމަނާކުރުމުގެ ބާރު މި ގަވައިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވެއެވެ.