ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މަނަދޫ ބަނދަރުގެ، ޖެޓީގެ ކޮލަމް ހަރުކުރުމުގެ މަސައްކަތުގެ 52 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އިތުރަށް އެމްޓީސީސީން ބުނީ މިހާރު ބަނދަރުގެ ރޭމްޕް އެޅުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ނ. މަނަދޫ ބަނދަރުގެ މަސައްކަތުގެ މަޝްރޫއަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.