ވަރަށް މަދުން ނޫނީ ނުފެންނަ ބަލިތަކާއެކު ދިރިއުޅެމުން އަންނަ ގިނަ މީހުންނަށް އެމީހުން އަމިއްލަ ދިރިއުޅުން ފަސޭހަކަމާއެކު ކަޑައްތުކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެއެވެ.

އުމުރުން 34 އަހަރުގެ ޑެއިސީއަށް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. މޮޔާމޯޔާ ބަލީގެ އިތުރުން ތަފާތު 17 ސިއްހީ ހާލަތެއް އޭނާގެ ކިބައިގައި ހުންނައިރު، މި ބަލީގެ ޝިކާރައަށް ވަނީ ކޮންމެ މިލިއަނަކުން އެކަކެވެ.

އެސެކްސްގެ ބްރެންޓްވުޑަށް ނިސްބަތްވާ ޑެއިސީ ބޮޑުވަމުން އައި އިރު ދެކެމުން އައި ހުވަފެނަކީ ބަތަލާއަކަށް ވުމެވެ.

ސިއްހީ ހާލަތު ގޯސްވުމުގެ ކުރިން ޑެއިސީ މަސައްކަތްކުރީ އެކްޓިން ދާއިރާއިން ކުރިއަށް ދިއުމަށް

އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އަމިއްލަ ކޮޓަރީގައި ތާށިވެފައި އޮންނަތާ މިހާރު ދެ އަހަރުވެއްޖެއެވެ. ޑެއިސީ ބޭނުންވަނީ އެހެން މީހަކަށް ބަރޯސާ ނުވެ، ގޭގެ ތަންތަނަށް އެކަނި ގޮސް ބޭނުން މަސައްކަތްތައް ފަސޭހައިން ކުރެވޭނެ ފަދަ ގެއެއްގައި ދިރިއުޅުމަށެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސްޓްރޯކެއް ޖެހި، ސިކުނޑިން ލޭ އައިސްގައިގެން ކެމްބްރިޖްގެ އެޑެންބްރޫކްސް ހޮސްޕިޓަލުގައި ޑެއިސީ އެޑްމިޓްކުރިއެވެ. ޓެސްޓުތައް ހެދުމުން އެނގުނީ މޮޔޯމާޔޯ ބަލި ޖެހިފައިވާކަމެވެ.

"މި ހުރިހާ ކަމެއް ދިމާވުމުގެ ކުރިން އަހަރެން އުޅުނީ އެކްޓިން އާއި ތިއޭޓަރުގެ މަސައްކަތުގައި. މިހާ ގޯސްވެދާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރަން."

ޑޮކްޓަރުން ބުނަނީ ސިކުނޑީގެ ސާޖަރީ ކޮށްފިނަމަ ދިގު މުއްދަތަކަށް ދިރިހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެ އޮޕަރޭޝަނަށް ފަހު ސަލާމަތްވުމުގެ އޮތީ 50/50 ޗާންސެކެވެ. އޮޕަރޭޝަން ނުކުރާނަމަ ޑެއިސީ ގަބޫލުކުރަނީ އޭނާއަށް ދިރިއުޅެވެން އޮތީ ފަސް އަހަރަށް ވުރެ މަދު މުއްދަތަކަށް ކަމަށެވެ.

ޑެއިސީއަށް ކޮޓަރިން ނުކުމެވެނީ އެހެން މީހަކު، ޑެއިސީ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ގެންގޮސްދިނުމުން

އޭނާއަށް ދިރިހުރެވެން ހުރި ވަގުތުވެސް އުފާވެރިކަމާއެކު ހޭދަކުރުމަށް އޭނާ ވަނީ ނުކުޅެދިފައެވެ. ޑެއިސީގެ ވީލްޗެއާ، އޭނާގެ ގޭގެ ދޮރުތަކަށް ފިޓު ނުވާތީ އޭނާ އޮންނަން ޖެހެނީ ކޮޓަރީގައެވެ. ޑެއިސީއަށް ފާހަނަ އަށްވެސް ދެވެނީ އެހެން މީހެއްގެ އެހީތެރިކަން ހޯދައިގެން އޮފީސްތަކުގައި ހުންނަ ކަހަލަ ފުރޮޅުލީ ގޮނޑިއަކުން ގޮސްގެންނެވެ.

"އަހަންނަށް އިހުސާސްކުރެވެނީ ނިކަމެތިކަމުގެ އިހުސާސް. އެހެން މީހުންގެ ފަރާތުން އަހަންނަށް އިހުސާސްކުރެވެނީ އަހަރެންނަކީ ވަރަށް ބޭކާރު މީހެކޭ. އަހަންނަކީ އެހެން މީހުންނަށް ބުރައެކޭ. އެއްވެސް ކަހަލަ މިނިވަންކަމެއް ނެތް. އަހަންނަށް އުޅެވޭނެ އެކަށީގެންވާ ތަނެއް ހޯދަންވެސް އަދި އަހަރުދުވަސް ނަގާފާނެ. އެހާތަނަށް އަހަރެންގެ ފުރާނަ ފުނޑުފުނޑުވެދާނެ."

ޑެއިސީއަށް އެކަށީގެންވާ ގެއެއް ލިބޭތޯ ކުރާ އިންތިޒާރަށް މިހާރުވެސް ދެ އަހަރު ވެއްޖެއެވެ. ބްރެންޓްވުޑް ކައުންސިލުން ބުނީ ރަނގަޅު ގެއެއް ހޯދިފާވާކަމަށާއި، ނަމަވެސް ޑެއިސީއަށް ބޭނުންވާ ބޭނުންތައް އެތަނުގައި ގާއިމްކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތިގެން ކުރަން ޖެހޭ ޖިހާދުގައި އަހަރެންގެ ފުރާނަ ވެސް ދަނީ. އަހަރެން ދިރި ހުންނާކަށް މާ ދުވަހެއް ނެތް. ބާކީ މިއޮތް ދުވަސްތައްވެސް މި ކޮޓަރީގައި ތާށިވެގެން އޮތުމަކީ ވަރަށް ބިރުވެރިކަމެއް."

ކައުންސިލުން ބުނީ ގިނަ އިދާރާތަކާ ގުޅިގެން އެންމެ ފުރިހަމަ އެއްބާރުލުން ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މުއްދަތުގައި ވެސް ޑެއިސީއަށް އެކަށީގެންވާ ވަގުުތީ ބޯހިޔާވަހިކަމެއް ހޯދަ ދިނުމަށްވެސް އޮފިސަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ގައުމީ ފެންވަރުގައިވެސް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަތިކަން އެބަހުރި. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑު" ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކައުންސިލްގެ ތަރުޖަމާނަކު ބުންޏެވެ.

ޑެއިސީއަށް އަޅާލަނީ އޭނާގެ އާއިލީ އެކުވެރިޔާ ބްރަޔަން

މޮޔާމޯޔާ ބަލީގެ ސަބަބުން އިތުރު ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވުމުގެ އިތުރުން، ނޭވާލާ ނިޒާމުގެ ބައްޔެއްގެ ސަބަބުން ނޭވާލުން ހުއްޓުމުގެ ނުރައްކާވެސް ޑެއިސީއަށް އެބަ އޮތެވެ. މީގެ އިތުރުން ބަނޑުގެ ބައްޔަކާއި ޓައިޕް 1 ޑައިބެޓީސް ވެސް ހުރެއެވެ.

ޑެއިޒީ އަކީ އިންގްލެންޑުގެހަތް ހޮސްޕިޓަލަކާއި ކޮމިއުނިޓީ ޓީމްތަކުގެ 50 އަށް ވުރެ ގިނަ މެޑިކަލް ޕްރޮފެޝަނަލުންގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.

"ބައެއް ފަހަރު ކަންތައްތައް ހަނދާން ނެތުމުގެ ސަބަބުން އިތުުރު އުނދަގޫތަކާވެސް ކުރިމަތިވޭ. މިކަހަލަ ގިނަ ބަލިތައް ހުންނަ މީހުންނަށް ކޯޓިނޭޓަރެއް ބޭނުންވޭ. ނަމަވެސް އަހަރެންގެ ނެތް." ޑެއިސީ ބުންޏެވެ.

ޗެރިޓީ ޖެނެޓިކް އެލަޔަންސް ޔޫކޭގެ ޗީފް އެގްޒެކެޓިވް ލުއިސް ފިޝް ބުނީ މިއީ މިފަދަ ގިނަ ބަލިތައް ހުންނަ މީހުންނަށް ދިމާވާ އާންމު މައްސަލައެއް ކަމަށެވެ. އެފަދަ ބަލިތައް ހުންނަ މީހުންނަށް ކޯޓިނޭޓަރެއްގެ އެހީ ލިބޭނަމަ، ކަންތައްތައް ފަސޭހައިން ރަނގަޅަށް ދިޔުމުގެ ފުރުސަތު ބޮޑުވެ، ބަލިމީހާއަށްވެސް ލުއިވެގެން ދާކަމަށް ލުއިސް ބުންޏެވެ.

"މިފަދަ ބަލިތަކަކީ އާންމުކޮށް ދާއިމީކޮށްވެސް ތަހައްމަލު ކުރަންޖެހޭ ބަލިތައް. އެފަދަ ބަލި މީހުންގެ ދިރިއުޅުން އުފާވެރިކުރުމަށްޓަކައި، އާއިލާ އާއި ރައްޓެހިންނާއި، ސިއްހީ މާހިރުންގެ އެހީތެރިކަން ބޭނުންވާނެ."

ލުއިސް ބުނީ މިފަދަ އެހީތެރިކަން ލިބެނީ ކޮންމެ 10 ކުއްޖަކުން ހަތަރު ކުއްޖަކަށް ކަމަށެވެ. އަދި ބޮޑެތި މީހުންގެ ތެރެއިން އެފަދަ އެހީތެރިކަމެއް ލިބެނީ ކޮންމެ 10 މީހަކުން އެކަކަށެވެ.

ޑެއިސީ ބުނީ އޭނާއަށް އަޅާލާ، ކަންތައްތައް ކޮށްދޭނެ މީހެއް ހޯދަންވެސް އޭނާއަށް އުނދަގުވަނީ އެގޭގައި އެހެން މީހަކަށް ނިދޭނެ ޖާގަ ނެތުމުން ކަމަށެވެ. އަދި އޭނާއަށް ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގާބިލުކުރަން ހުރި މީހަކު ހޯދުމަކީވެސް އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޑެއިސީ އަށް މިހާރު ބަލަނީ އޭނާގެ އާއިލީ ރައްޓެއްސެކެވެ. ބްރައަން ކާ، އޭނާއަށް އެހީތެރިވަނީ ލާރިއަށެވެ.

ޑެއިސީގެ އާއިލީ އެކުވެރިޔާ، ބްރަޔަން

"ފުރާވަރުގައި ޑެއިސީ ވަރަށް ހަލަބޮލިކޮށް އުޅެމުން އައި މަންޒަރު ފެނުނު. ނަމަވެސް ހާލަތު ބަދަލުވެ، ޑެއިސީއަށް އޭނާގެ އަމިއްލަ ކަންތައްވެސް ނުކުރެވޭ ވަރަށް ބަލި ބޮޑުވެފައިހުރުމުން ވަރަށް ދެރަވޭ. އަހަންނަށް ކޮށްދެވެން އޮތް ކަމެއް އެބަ ކޮށްދެން. އެކަމަކު ހިދުމަތްތައް ދޭން ޖެހޭ މީހުން ފުރިހަމައަށް އެކަން ނުކުރަންޏާ، އެހެން މީހަކަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް." ބްރައަން ބުންޏެވެ.

ޑެއިޒީގެ ކަންކަން ބަލަހައްޓަނީ މިޑް އެންޑް ސައުތު އެސެކްސް އިންޓަގްރޭޓެޑް ކެއާ ބޯޑުންނެވެ. އެ ބޯޑުގެ ދަށުން ޑެއިޒީއަށް އަމިއްލަ ސިއްހީ ބަޖެޓެއް ލިބޭ ކަމަށާއި، އެ ބަޖެޓުން ޑެއިސީއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފަންޑުކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް ކެއާ ބޯޑުން ބުނެފައިވެއެވެ.

ކެއާ ކޯޑިނޭޓަރަކު ހޯދުމާއި ވަޒީފާ ދިނުމުގައި ކެއާ ބޯޑުގެ އެހީތެރިކަން ލިބޭނެ ކަމަށާއި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ޕޭޝަންޓުކަމަށް ތަރުޖަމާނަކު ބުންޏެވެ.

ޑެއިޒީ ގަބޫލުކުރާ ގޮތުގައި އޭނާގެ މިހާރުގެ ހާލަތުގެ ސްޓްރެސް އަކީ މެނޭޖް ނުކުރެވޭ ވަރުގެ ސްޓްރެސްއެކެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން އޭނާ ބޭނުންވަނީ އަމިއްލަ މިނިވަންކަމާއި ޕްރައިވެސީ ލިބޭ ގެއެއްގައި ކަމަށް ޑެއިސީ ބުންޏެވެ.

"ބަޖެޓުން ކަންކަން ކަނޑާލާ، ކަންތައްތައް ދިގުލައިގެން ދިޔަޔަސް، އިންސާނިއްޔަތަކީ އެއްވެސް އަގެއް ކިޔޭނެ އެއްޗެއް ނޫން. އަހަންނާ މެދު މީހުން އަޅާލާ ކަމުގެ އިހުސާސެއް ނުކުރެވޭ. ހިމާޔަތެއް އިހުސާސެއް ނުކުރެވޭ. މިހާރު އަހަންނަށް އިންސާނެއްގެ އިހުސާސުވެސް ނުކުރެވޭ." ޑެއިސީ ކިޔާދިނެވެ.