ވ. އަތޮޅުގައި ފޮއްތެޔޮފަޅުގައި ގާތްގަނޑަކަށް ބައި ކިލޯމީޓަރުގެ ސަރަހައްދަަކަށް ގުޅިފައިވާ ފިނޮޅުތައް ހިމެނޭ "ހިނގާ ކުޅި ފިނޮޅު" ނުވަތަ "ދިއްގަރު ފަޅު" ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ރިސޯތް ތަރައްގީ ކުރަން ހުޅުވާ ތަންތަނުގެ ލިސްޓުގައި އެތަން ހިމަނާ ޓުރިޒަމް މިނިސްޓްރީން އިއުލާން ނެރެފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައި ވަނީ، މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު ކުރި އިއުލާންގައި އާންމުކުރި ކްރޮސް ސަބްސިޑީގެ ނަމުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅާފައިވާ ބިން ބިމާއި ފަޅުތަކުގެ ލިސްޓަށް އިސްލާހު ގެނެސް އިއުލާން ކުރާ ކަަމަށެވެ. އެ ލިސްޓުގައި ކުލަ ގަދަކޮށް ފާހަގަކޮށްފައިވާ 12 ތަނެއް ހިމެނޭ އިރު އެ ލިސްޓުގެ 11 ވަނައިގައި ވަނީ ވ. ދިއްގަރު ފަޅު، 400 ހެކްޓަރުގެ ސަރަހައްދު ވެސް ހިމަނާފައެވެ.

މީގެ ކުރިން 'ދަ ޕްރެސް' އަސް ދިން އިންޓަވިއުއެއްގައި ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ވަނީ އެ އަތޮޅުގައި ހިމެނޭ ފޮއްތެޔޮފަޅުގައި އޮންނަ ގިނަ ފިނޮޅުތަކެއް ގުޅިފައިވާ ގުދުރަތީ ރީތި ސަރަހައްދު ހިމާޔަތް ކުރަން އެންވާރަމަންޓް މިނިސްޓްރީއާއެކު މަސައްކަތް ފަށައި ނިމުމާ ގަތަށް ގޮސްފައި ވަނިކޮށް 400 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން އެ ތަނުގައި ރިސޯޓް ތަރައްގީ ކުރުމަށް ނިންމައި އެ ކަމާ ގުލޭގޮތުން ބައްދަލުވުމެއް ބާއްވާތީ ދައުވަތު ދީފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކަންބިޑުވުން ފާޅު ކުރަމުން ޝުޖާއު ވަނީ ގުދުރަތީ ސަރަހައްދެއް ހަލާކުކޮށް ރސޯޓްއަލާން ދިނުމާ ދެކޮޅު ހަދާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ލިސްޓުގައި ދިއްގަރު ފަޅު ހިމަނާފައި ވުމުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ކައުންސިލާ އެކު ބައްދަލުވުމެއް ބާއްވަން ބުނި އިރު، އޭނާ ހުރީ ޗުއްޓީގައި ކަމަށާއި ނަމަވެސް ކައުންސިލްގެ އެއްވެސް ފަރާތަކާއެކު އެ ބައްދަލުވުން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި އެ ލިސްޓުގައި އެ ސަރަހައްދު ހިމަނާފައި ވުމުން އެ ގޮތަށް ތާއީދު ނުކުރާ ކަމަށް ގަރާރެއް ފާސްކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުގައި، އަތޮޅު ކައުންސިލުގެ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަން ވާނީ ނުވަތަ ތަރައްގީ ކުރަން ވާނީ އަދި އެހެން ފަރާތަަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށް ފަހުގައެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުަށް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ނުހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ތަންތަން ބަލަހައްޓާނީ އަތޮޅު ކައުންސިލުން ކަމަށެވެ.

ފެލިދެއަތޮޅު ކައުންސިލުން ބުނާ ގޮތުގައި ދިއްގަރު ފަޅު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އިއުލާން ކޮށްފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެމުން ބުނީ، ޓޫރިސްޓް ރިސޯތް ތަރައްގީ ކުރަން ރަށްރަށާއި ފަޅުތައް އިއުލާން ކުރަނީ ރައީސް އޮފީހުން ދޭ ލިސްޓަކާ އެއްގޮތަށް ކަމަށެވެ. އެހެންކމުން ރައީސް އޮފހުން ލިސްޓް ދޭނީ ކައުންސިލްތަކާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރަން ރަށްރަށައި ފަޅުތައް ދޫކުރުމުގެ ކުރިން ކައުންސިލްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ.

ވ. އަތޮޅުގައި ޖުމުލަ 21 ރަށެއް އޮންނައިރު މީހުން ދިރިއުޅެނީ 5 ރަށެއްގައެވެ. އަދި ރިސޯޓް މިހާރު ތަރައްގީ ކޮށް ނިމިފައިވާ 3 ރަށެއް ވާއިރު ރިސޯޓް ތަރައްގީ ކުރަމުންދާ 4 ރަށެއް އެބައޮތެވެ. އެ 4 ރަށުގެ ތެރޭގައި ބޮޑުމޮހޮރާ އާއި، ފޮއްތެޔޮބޮޑުފުށި އާއި އަންބަރާ ވެސް ހިމެނެއެވެ. މިހާރު އެއްވެސް ސިނާއަތެއް ނުހިނގާ ފަޅުރަށުގެ ގޮތުގައި 9 ރަށެއް ވ. އަތޮޅުގައި ވާއިރު ދަނޑުވެރިކަން ކުރުމަށް ވެސް އެ އަތޮޅުގައި 1 ރަށް ކަނޑައަޅާފައި ވެއެވެ.

ރިސޯޓް ތަރައްގީ ކުރަމުންދާ ތަންތަނުގެ ތެރެއިން ބޮޑުމޮހޮރާ ހަވާލު ކުރިތާ 6 އަހަރުވެފައިވާ ކަމަށާއި ފޮއްތެޔޮބޮޑުފުށި ހަވާލު ކުރިތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށާއި އަދި އަންބަރާ ހަވާލުކުރި ފަހުން 13 ވަރަކަށް އަހަރުވެފައިވާ ކަަމަށް ޝުޖާއު ވިދާޅުވިއެވެ. ޕްރޮޖެކްޓްތައް ނުނިމި އެތައް އަހަަރުތަކެއް ވެފައި ވާއިރު، ތިމާވެއްޓަށް ގެއްލުން ދޭ ތަން ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން "ދިއްގަރު ފިނޮޅު" ރިސޯޓް ތަރައްގީ ކުރަން ދިނުމާ އެ އަތޮޅު ރައްޔިތުން ދެކޮޅު ކަަމަށް އޭނާ ވިދާޅުވިއެވެ.