ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން އިސްތިއުނާފް ކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްއާރްއިން ބުނީ ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމް އިން ތާއީދެއް ނުކުރާނެ ކަަމަށާއި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމަވާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީއިން ގޮވާލާ ކަމަށާއި ރައްޔިތުންގެ ހައްގުގައި މި މައްސަލަ އިސްތިއުނާފުކޮށް ދިވެހިންގެ މަސްލަހަތަށް އިންސާފުވެރި އުސޫލަކުން ސަރަހައްދު ބެހުމަށް އެދުމަށް އެމްއާރްއެމްއިން ގޮވާލާ ކަމަށެވެ.

ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ އިގްތިސޯދީ ސަރަހައްދުން ފުށުއަރާކަމަށްބުނާބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ހުށަހެޅި މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ނުދެކޭ ކަމަށާއި މިއީ ދިވެހި ދައުލަތަށައި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ދެކޭ ކަމަށް އެމްއާރްއެމްއިން ވަނީ ބުނެފައެވެ.

އެމްއާރްއެމްއިން ބުނީ މި މައްސަލަ ނިމިގެން ދިޔަ ގޮތުން މިހާރު ވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ކުޑަވެ، ޒަމާނުންސުރެ ދިވެހިންގެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައި އޮތް މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭ ގޮތަކަށް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން އުނިވެގެން ދިޔައީ ދިވެހި މަސްވެރިން މަހަށް ނިކުމެ އުޅޭ ކަނޑުގެ ބައެއް ކަމަށްވުމުން މިއީ އިޔާދަނުކުރެވޭ ވަރުގެ ދެރައެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.

އުނިވެގެންދިޔަ ސަރަހައްދުން މުސްތަގުބަލުގައި ރާއްޖެއަށް ލިބޭނެ މަންފާތައް ގެއްލިގެން ދިޔަކަން ފާހަގަކުރަމުން އެމްއާރްއެމްއިން ބުނީ އެ ސަރަހައްދުގެ ކަނޑުންނާއި ބިމު އަޑިން ލިބެން ހުރި ސީފުޑާއި ނާދިރު މައުދަނާއި ބޭސް ފަރުވާގެ އުންސުރުތައް ފަދަ މަައުދަނީ މަންފާގެ ފުރުސަތުތައް ގެއްލިގެންދާނެ ކަމަށާއި ހަމައެއާއެކު އެ ސަރަހައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެމްއާރްއެމްއިން ބުނީ މި މައްސަލަ ނިމިގެން ދިޔައިރު މި ކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހިމެނިފައި ނެތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ..