މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވާކަމަށާ އޭނާގެ ފެނުނު އިރު ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ އާތިފް ސާފީ އެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ގެއްލިގެން މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ އާއިލާއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށެވެ.

މިއަދު އޭނާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު އޭނާ ފެނުނީ ކޮންތަނަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖެއިން މީހުން ގެއްލިގެން ހޯދާ އަދަދު އިތުރުވަމުން އަންނައިރު، ކުޑަކުދިން ގެއްލިގެން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދޭ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ބައެއް ފަހަރު އާއިލާއަށް ފިލައިގެން އުޅޭ ކުދިން ހޯދުމަށްވެސް އާންމުންގެ އެހީތެރިކަމަށް އެދެމުން އަންނައިރު މިފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.