ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި ފަޅުތަކުގެ ލިސްޓް އިސްލާހުކޮށް އާންމުކޮށްފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓް ކުރި އިއުލާނުގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ފަސްވަނަ މާއްދާގެ ދަށުން މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި، ބިންބިމާއި ފަޅުތަކުގެ ލިސްޓް އިސްލާހު ކޮށްފައިވާ ކަމަށެވެ.

މި ގޮތުން އެ މިނިސްޓްރީން އަލަށް ނެރުނު ލިސްޓުގައި 23 ތަނެއް ވަނީ ހިމަނާފައެވެ. އެއީ ށ. ކުޑަޅައިމެންދޫ، ށ. ފުށިފަރު، ށ. ބަނޑައިދިއްދޫ (ރަށުގެ ބައެއް)، ނ. ކުންނަމެލައި، ނ. ދެކެނަންފަރު، ނ. ދިގުފަރު(ފަޅު)، ރ. ކުކުޅުދުއްފަރު، ޅ. މެޔަފުށި، ކ. ފަޅު، ވ. ދިއްގަރުފަޅުން 400 އަކަ ހެކްޓަރު، އަދި ފ. އަދަންގައު އެވެ.

މީގެ އިތުރުން މި ލިސްޓުގައިވަނީ ދ. މާދެލި، ތ. ކުރަނދުވަރު، ތ. މާގުޅި، ތ. ދިއްފުށި، ތ. ކަޅުފަހަލަފުށި ތ. ގާލީ، ލ. ފޮނަގާދޫ، ގއ. ފުލަނގި، ގދ. މާރެހާ އަދި ގދ. ކޮޑެގަލާއެވެ.

ކްރޮސް ސަބްސިޑީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކަކީ ދަޢުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކެވެ. ކްރޮސް ސަބްސިޑީގެ މޮޑެލަށް ގިނަ މަޝްރޫއުތަކެއް ހިންގަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކްރޮސް ސަބްސިޑީގެ މަޝްރޫއަކާ ގުޅުވާ އަމިއްލަ ފަރާތަކަށް ދޫކުރާ ރަށެއް، ބިމެއް ނުވަތަ ފަޅެއް ހަވާލުކުރުމުގެ އެއްބަސްވުމުގައި ދައުލަތުން އެ ފަރާތަކާ އެކު ސޮއިކުރާނީ މަޝްރޫއަށް ބޭނުންވާ ޖުމްލަ ފަައިސާ ދައްކައި ނިމުމުންނެވެ.