ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިންގުމަށް ދޫކޮށްފައިވާ ސަރަހައްދުތައްގެ ޖާގަ އިތުރުކޮށްފިއެވެ.
އާބަންކޯއިން ބުނީ، ހުޅުމާލޭގައި ޖުމްލަ 12 ސަރަހައްދެއްގައި ވޯޓާ ސްޕޯޓްސް ހިންގުމަށް ހުއްދަ ދީފައިވާ ކަމަށާއި މިހާރު ވޯޓާ ސްޕޯޓްސް ހިދުމަތަށް ދޫކޮށްފައިވާ ކޮންމެ ސަރަހައްދަކުން 20 ފޫޓު އިތުރުކޮށްދީފައިވާނެ ކަމަށެވެ.
މި ޖާގަ އިތުރުކޮށްދީފައިވާނީ އެ ސަރަހައްދުތަކުން އާންމުންނަށްދޭ ހިދުމަތްތައް އިތުރުކޮށްދިނުމުގެ މަގްސަދުގައި ކަމަށް އާބަންކޯއިން ބުނެއެވެ. އޭގެ ތެރޭގައި ބީޗަށްދާ ހުރިހާ އާންމު ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ ޕަބްލިކް ޓޮއިލެޓަކާއި، އައުޓްޑޯ ޝަވަރެއް ގާއިމްކުރުމުގެ އިތުރުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ސާފުކުރުމާއި، މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، އެކޯޕަރޭޝަނުން މަސައްކަތްކުރަމުން ދަނީ ހުޅުމާލޭގެ ބީޗު ސަރަހައްދުން އާންމުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އާންމުން އެންމެ ބޭނުންވާނެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. މި މަގްސަދުގައި މީގެ ކުރިން އެކުންފުނިން ވޯޓާސްޕޯޓްސް ހިންގާ ފަރާތްތަކަށް ޓޭކްއަވޭ ހިދުމަތްދިނުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.
އޭގެ ސަބަބުން ބީޗަށް ދާ ފަރާތްތަކަށް ބޭނުންވާ ސްނެކްސް ފަދަ ކާބޯތަކެއްޗާއި ފެން އަދި މި ނޫން ވެސް ބައެއް ތަކެތި އެ ސަރަހައްދުން ލިބޭނެ މަގު ފަހިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނީ، މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް، ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ އައިސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
20 ފޫޓަކީ ހާދަހާވާ ބޮޑު ތަންގަނޑެކޭ.