ކަމާލް ނަބްހާން ތައްޔާރުވަމުން ދިޔައީ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުރި މިސްކިތަށް އަސުރު ނަމާދަށް ދިޔުމަށެވެ.

މުޅި ދިރިއުޅުން ފުނޑުފުނޑުވެ ވެއްޔާ މޮޑެވިގެން ދިޔަ ފޯން ކޯލް އައީ އެވަގުތުއެވެ.

އެއީ އިންޒާރުގެ ކޯލެކެވެ. ހާސްވެ ފޯން ހިފައިގެން ހަޅޭލަވަމުން ކަމާލް ދުއްވައި ގަތީ އޭނާގެ ތިމާގެ މީހެއް ކަމަށް ވާ އަތަފް ނަބްހާން ކައިރިއަށެވެ.

"ފޯން ދިނުމުން ވާހަކަ ދެއްކީ އަހަރެން، ޖަވާބު ދެމުން ދިޔަ މީހާ ބުނީ، އެއީ އިޒްރޭލުގެ އިންޓެލިޖަންސުން ކަމަށާއި، 5 މިނެޓް ތެރޭގައި ގެ ހުސްކުރުމަށް"
އަތަފް

އަތަފް ބުނީ، ކޯލުގައި ހުރި މީހާ އެހެން ބުނުމުން، ތީ އޮޅުމެއް ކަމަށާއި އެ އިމާތުގައި ތިބީ މުޅިންވެސް ނުކުޅެދޭ މީހުން ކަމަށް ބުނި ކަމަށެވެ. އެއާއެކު ގުޅިމީހާ ބުނީ، "ނޫން، ހަމަ ވަގުތުން ގެ ހުސްކުރަން" ކަމަށް އަތަފް ބުންޏެވެ.

އެއީ ހުސްވި ހަފްތާގައި އިޒްރޭލުން ޕަލަސްތީނުގެ އެކި މަގާމުތަކަށް ހަމަލާ ދެމުން ދިޔަތާ 5 ވަނަ އަށް ވީ ދުވަހެއެވެ. ފާއިތުވި 9 މަސް ތެރޭގައިވެސް ދިން އެންމެ ގެއްލުން ބޮޑު ހަމަލާތަކުގައި 33 މީހަކު ޝަހީދުވެފައި ވާ އިރު އަތަފް ގެ ބިމާ ހަމަކޮށްލި ހަމަލާ 5 މިނެޓް ފަހުން ދިނެވެ. އިމާރާތުގައި ތިބި މީހުންގެ ތެރެއިން އެއް ބަޔަކށް ނިކުމެވުނު އިރު އަނެއް ބަޔަކު އިމާރާތް ވެއްޓުނު އިރު ސިޑިމަތީގައި ތާށިވިއެވެ. އިމާރާތުގެ ފުރާޅު ނުވަތަ ޓެރަސް ވެއްޓި ޖެހިފައި އޮތް ނަމަވެސް، އަވައްޓެރިންގެ މަސައްކަތުން އެ އެންމެން ނެރެ ސަލާމަތް ކުރިއެވެ. އެ އިމާރާތުގައި އުޅުނީ 50 މީހުންނެވެ. ނުކުޅެދޭ ހާލުގައި އުޅުނީ 5 މީހުންނެވެ. އޭގެތެރޭގައި ފުރޮޅު ލީ ގޮނޑީގައި އުޅޭ މީހަކުވެސް ހިމެނެއެވެ.

އަތަފް ނަބްހާން އަދި ކަމާލް ނަބްހާން އާއި އާއިލާ މަގުމަތިވެފައި

އިޒްރޭލާއި ފަލަސްތީނުގެ އިސްލާމިކް ޖިހާދާ ދެމެދު ބަދަލު ކުރި ހަމަލާތައް މިބަގުތަށް ހުއްޓާލާފައި ވާ އިރު، 5 ދުވަހުގެ ތެރޭގައި އިސްލާމިކް ޖިހާދުގެ 6 ކޮމާންޑަރަކާއި އަންހެނުންނާއި ކުޑަކުދިން އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އެތައް އިމާރާތެއް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ހަމަލާތަކުގައި އިސްލާމިކް ޖިހާދުން ދިން ރައްދުގައި ޔަހޫދީ ސިފައިންގެ 2 މީހަކު މަރުވެ އިޒްރޭލުގެ އިމާރާތަކަށް ގެއްލުން ވުން ފިޔަވާ މާ ބޮޑު ގެއްލުމެއް އިޒްރޭލަކަށް ނުލިބެއެވެ.

އދ ގެ އިދާރާތަކުން ބުނާ ގޮތުގައި 5 ދުވަހުގެ ހަމަލާގައި ފަލަސްތީނުގެ 1200 އަށް ވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ. އަތަފް އާއި އާއިލާވެސް ހިމެނެނީ އޭގެ ތެރޭގައެވެ. ވަންނާނެ ތަނެއް ނެތި މިހާރު އެ އާއިލާ ތިބީ މަގުމަތީގައެވެ.

އަތަފް ގެ ގެ ފަދައިން އިޒްރޭލުން ހަމަލާދިން އެހެން އިމާރާތްތައް ގޮއްވާލީވެސް ހަމަ އެފަދަ ގޮތަކަށް އިންޒާރުގެ ކޯލަކާއެކު މިސައިލް ހަމަލާއަކުންނެވެ. ބައެއް ސަރަހައްދުތަކަށް ބޮމުން ހަމަލާ ދީފައި ވާ އިރު 5-6 ބުރިއަށް ހުންނަ އިމާރާތުގެ ވަކިވަކި ފްލޯ އަށް ހަމަލާ ދީ ފުނޑުފުނޑު ކޮށްލާފައި ވެސް ވެއެވެ.

އިޒްރޭލުން ބުނަނީ އެމީހުން ހަމަލާ ދީފައި ވަނީ އިސްލާމިކް ޖިހާދު ޖަމާއަތުން ކޮމާންޑް ސެންޓަރުތައް ހަދައިގެން ތިބި އާންމު ތަންތަނަށް ކަމަށެވެ. އަދި އިންޒާރު ދެނީ އާންމުން ޝަހީދުވިޔަ ނުދޭން ކަމަށް ވެސް ބުނެއެވެ.

އަތަފް ގެ ބައެއް އަވައްޓެރިންނާ ހަވާލާދީ ނޫސްތަކުގައި ރިޕޮޓް ކޮށްފައި ވާ ގޮތުގައި، އެ އިމާރަތުގެ ޖިހާދު ޖަމާއަތުގެ މީހަކު ދިރިއުޅުނެވެ. ނަމަވެސް އެ އިމާރާތަކީ ކޮމާންޑް ސެންޓަރެއް ނޫން ކަމަށާއި އެ ހަމަލާގައި އިމާރާތް ބިމާ ހަމަކޮށްލުމުން އެންމެން މަގުމަތިވެފައި ވާ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އާންމުން ދިރިއުޅޭ އިމާރާތެއް ބިމާ ހަމަ ކޮށްލުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ.

މަގުމަތި ވި އަތަފް އާއި އެހެން މީހުންނަށް މިވަގުތު އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ފަލަސްތީނުގެ ސޮސައިޓީ ފޯ ރިހެބިލިޓޭޝަންގެ ފަރާތުންނެވެ. އެމީހުންނަށް ކާނާ އާއި ބޭސް ފޯރުކޮށްދެމުން ގެންދާ ކަމަށް އެ ޖަމާއަތުގެ އެގްރެކެޓިވް ޖަމާލް އަލް ރޮޒީ ވިދާޅުވެފައި ވެއެވެ.

އަތަފް ގެ ގެއާ ކައިރީގައި ހުރި އެހެން ގެއެއްވެސް ޔަހޫދީން އެގޮތަށް ބިމާ ހަމަކޮށްލިއެވެ. އެ ގޭގައި ދިރިއުޅުނު ރަހްމާ ނަބްހާން އާއި އޭނާގެ ފިރިމީހާގެ އިތުރުން ތުއްތު ދަރިފުޅު ގޮތް ހުސްވެފައި ވާ އިރު، ރަހްމާން ދިޔައީ ރޮމުން ގިސްލަމުން ދިޔަ ތުއްތު ދަރިފުޅު ތުން ޖައްސާ މަސަލަސް ކުރެވޭތޯ ބަލަމުންނެވެ.

"އަހަރެމެން މިތަން ދޫކޮށް ނުދާނަން، ރަތް ދައްކާ އަވީގައި އުޅޭނީ، ނިދާނީ، މިތަނަކުން ނުދާނަން"
ރަހްމާން

ރަހްމާން އިތުރަށް ބުނީ، ޔަހޫދީން ސުންނާފަތި ކޮށްލި އެމީހުންގެ ގެ ހަދައި ދިނުމަށް ބައިނަލްއަގުވަމީ ފަރާތްތަކާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ގޮވާލާ ކަމަށެވެ. ދާނެ އެހެން ތަނެއް ނެތް ކަމަށާއި އެތަން ދޫކޮށްފައި ނުދާނެ ކަމަށެވެ.

މިސްރު މެދުވެރިވެގެން އިޒްރޭލާއި އިސްލާމިކް ޖިހާދުން ސުލްހަ ގާއިމު ކުރީ މިދިޔަ ހޮނިހޮރު ދުވަހުއެވެ.