މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އަޅާފައި ވަނީ، އަދި ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ވަނީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް، އެ ޕާޓީން ބުނެފިއެވެ.
ވެރިކަން ކުރާ މައި ޕާޓީން މިހެން ބުނެފައި ވަނީ، ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުރުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށްޓަކައި ތާއީދުކޮށް ސޮއިކުރި މައްސަލައިގައި އާޒިމަށް ފިޔަވަޅު އެޅި މައްސަލައިގައި އޭނާ ޕާޓީން ވަކިކުރި ކަމަށް ގަބޫލުނުކުރާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އާޒިމްގެ ބަހެއް ހޯދަން "ދަ ޕްރެސް" އިން ގުޅައި މެސެޖުކުރުމުން ޖަވާބު ދެއްވާފައި ނުވި ނަމަވެސް، އެހެން ބައެއް ނޫސްތަކަށް އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި ނިންމުން ޕާޓީގެ އަސާސީ ގަވައިދާ ހިލާފެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. ނަމަވެސް އޭނާ އެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
އެހެންކަމުން، އާޒިމްގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްޓަކައި އެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު މުގައްރިރު އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.
ބައެއް ނޫސްތަކާ ހަވާލާދެއްވައި އާޒިމް ތުހުމަތުކުރެއްވި ގޮތުގައި، ޝިފާޒަށް ކޮމިޓީގެ ބައްދަލުވުން ބޭއްވިކަން އަންގާފައެއް ނުވެއެވެ. އަދި ބައްދަލުވުން ބޭއްވީ ސިއްރިއްޔާތުގައި ކަމަށް ވެސް ތުހުމަތުކުރައްވައެވެ.
އެމްޑީޕީގެ ނިންމުން ދިފާއުކުރައްވައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު "ދަ ޕްރެސް" އަށް ވިދާޅުވީ، މައްސަލަ ހުށަހެޅެނީ ވަކި މީހަކަށް ނޫނީ ކޮމިޓީގެ މުގައްރިރަކަށް ނޫން ކަމަށާއި، މައްސަލަ އެއް ހުށަހެޅެނީ ސީދާ ކޮމިޓީ އަށް ކަމަށެވެ. އޭނާ ވިދާޅުވީ، އާޒިމްގެ މައްސަލަ ވެސް ކޮމިޓީން ބަލާފައި ވަނީ ކޮމިޓީގެ މުގައްރިރު ހާޒިރު ނުވާ ނަމަ، ނައިބު މުގައްރިރަށް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.
އިބްރާހީމް ވަހީދު އެ އިޝާރާތްކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 132 ވަނަ މާއްދާ އަށް ކަމަށް ބެލެވެއެވެ. އެ މާއްދާގައިވާ ގޮތުން، ކޮންމެ ކޮމިޓީއެއް ގައި ވެސް މުގައްރިރަކާއި ނައިބު މުގައްރިރެއް ހުންނަން ވާނެއެވެ. އަދި ކޮމިޓީގެ މުގައްރިރަށް ހާޒިރުވެވެން ނެތް ހާލަތެއްގައި މުގައްރިރުގެ މަސްއޫލިއްޔަތު އަދާކުރަން ވާނީ ނައިބު މުގައްރިރު ކަމަށް ވެސް، އެ މާއްދާގައި ވެއެވެ.
"މިހާރު މުގައްރިރު ނެތިގެން ކޮމިޓީ ނުބޭއްވެންޏާ ދެން ހަމަ އެއް ގޮތަކަށް ވެސް ކޮމިޓީ ނުބޭއްވޭނެ، ދެން މުގައްރިރެއް މިސާލަކަށް ނުހޮވި ހުއްޓާ، ނޫނިއްޔާ މި ހާލަތެއް ނޫން އެހެން ހާލަތެއްގައި މުގައްރިރު ނިޔާވެއްޖިއްޔާ ކިހިނެއްތޯ ހަދަނީ؟ ދެން އެހެނެއް ނުވާނެ ނޫންތޯ؟" އެމްޑީޕީގެ ކޮންމެ ކޮމިޓީއެއް ގައި ވެސް މުގައްރިރަކާއި ނައިބު މުގައްރިރެއް ހުންނަ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
ދެން އިބްރާހީމް ވަހީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީން ވަކިކުރި އިރު ވެސް ޕާޓީގެ ނައިބު ރައީސް ފިޔަވަޅު އަޅާ ކޮމިޓީއަކު ނެތެވެ.
ޝިފާޒް ވެސް ހިމެނޭ ކޮމިޓީ ގްރޫޕަށް މެސެޖުކުރައްވަމުން ގެންދަވާ ކަމަށާއި، ކޮމިޓީ އަށް ހުށަހެޅޭ މައްސަލަތަކުގެ ލިޔުންތަކުގެ ލިޔުންތައް ގްރޫޕަށް ފޮނުވަމުން ދިޔަ ނަމަވެސް، ލިޔެކިއުންތައް ބެއްލެވުމަށް ފަހު ޝިފާޒް ޖަވާބު ނުދެއްވާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
"[ޝިފާޒް] ހަމަ މެސެޖު ބައްލަވާފަ ހުރީ، މެސެޖު ބައްލަވާފަ އެއަކަށް ޖަވާބެއް ނުދެއްވާ،"
"އާ ޗެއާޕާސަން (ފައްޔާޒް) ހޮވި ފަހުން އަދި ނައިބު ރައީސް (ޝިފާޒް) ޕާޓީ އޮފީހަކަށް ވެދެވަޑައެއް ނުގަންނަވާ، [ފިޔަވަޅު އަޅާ] ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައެއް ނުގަންނަވާ،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރު ކަމުން އާޒިމް މިއަދު ވަކިކުރިއިރު، ޕާޓީގެ ވިޕްލައިނާ ހިލާފުވި މައްސަލައިގައި ހަތަރު މެންބަރެއްގެ މައްސަލަ ބަލައި، ވަނީ ފަހުގެ އިންޒާރު ދީފައެވެ. އެގޮތުން އެމްޑީޕީގެ ފިޔަވަލު އަޅާ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެންމެ ފަހުގެ އިންޒާރު ދީފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފަށާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށާއި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށެވެ.