އިތުރު މެންބަރުންގެ ސޮޔާއެކު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މެންދުރުފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅެމަށް ފަހު ރޭ އެ މައްސަލަ އަލުން ވަނީ އަބުރާ ނަގާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނަށް ގިނަ ބައެއްގެ ފާޑުކިޔުންތަަކެއް އަމާޒުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަ ނަމަވެސް އިތުރު މެންބަރުންގެ ސޮޔާއިއެކު އަދި އެމައްސަލަ ހުށަހަޅާނެ ކަމަށެވެ.
މި މައްސަލައިގައި އިތުރު މެންބަރުން ސޮއިކުރަން ބޭނުންވާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި އެކަން ނިންމުމަށްފަހު މި ހަފްތާގެ ބުރާސްފަތި ދުވަހު އަލުން އަބުރާ އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޝާހިދުގެ އިތުބާރު ނެތް މައްސަލާގެ ލިޔުމުގައި ސޮއިކުރައްވާފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުގެ އިތުރުން އެމްއެންޕީގެ މެންބަރުންނާއި ޖޭޕީގެ އެއް މެންބަރެކެވެ. މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރަކު ސޮއިކުރައްވާފައެއް ނުވެއެވެ.