ހުޅުމާލޭގެ އާންމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަަމަށެވެ. އެހެންނަމަވެސް އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނުވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ހުޅުމާލޭ އަތިރިމަތީ ސަރަހައްދެއްގައި ދެމީހަކު ބަދު އަހުލާގީ އަމަލު ހިންގަން ތިބި މަންޒަރު ފެންނަ ވީޑިއޯ އެއް އިއްޔެ ލީކުވެފައި ވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެެވެ.

މީގެ އިތުރުން މި ވީޑިއޯ ނެގި ފަރާތުންވެސް އެކަން ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރަން ޖެހޭ ކަމަށާއި މިފަދަ ކަންތައްތައް ހުއްޓުވުމަށް މުޅި މަޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފެންނަ ފެނުމަށް އެވިޑޯގައި ތިބީ ދިވެހި އަންހެނަކާއި ފިރިހެނެކެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގެ އާންމުތަންތާގައި މިފަދަ އަމަލު ހިންގުން އިތުރުވަމުން އަންނައިރު ކަމާ ބެހޭ އިދާރާތަކުން މިކަމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.