ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާގޮތުގެ ދިރާސާއެއް ކުރަން ބާ ކައުންސިލުން ނިންމައިފިއެވެ.
މި މައްސަލަ ދިރާސާ ކުރުމަަށް ބާ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ފޮނުވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވަނީ މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި ބާ ކައުންސިލުގެ މެންބަރަކު ހުށަހަޅުއްވުމުންނެވެ.
ބާ ކައުންސިލުން ބުނީ އިޓްލޮސްއިން ދިވެހިރާއްޖެއާ ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށެވެ. އަދި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލްގެ ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ޑ)ގެ ދަށުން މި ކައުންސިލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމުން އެ މައްސަލަ ދިރާސާ ކުރަން ނިންމީ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިޓްލޮސް އިން ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާފައެވެ. އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދު ބަހާލުމުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބިފައި ވާއިރު މޮރިޝަސްއަށް ލިބިފައި ވަނީ 45،331 އަކަ ކިލޯމީޓަރެވެ.
މޮރިޝަސް އާއި ރާއްޖެ އާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެ ކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހިމެނޭ ކަނޑުގެ ސަރަހައްދަކީ ދެކުނުގެ މަސްވެރިން، ހާއްސަގޮތެއްގައި އައްޑޫގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ރާއްޖޭގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ހިލާފު އުފެދިގެންދާ ސަރަހައްދަށް ބަލާއިރު، އެއީ މަސްވެރިކަން ތިޔާގި ސަރަހައްދަކަށް ވުމާއި، ރާއްޖޭން ބޭރުކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު 92 ޕަސެންޓް ހިއްސާ ކުރަނީ މަހުގެ ބާވަތްތައް ކަމަށް ވާތީ، އެ ސަރަހައްދުން ބައެއް ރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިގްތިސާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.