މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށް، އެމީހާގެ ވަނަވަރު އާންމު ކޮށްފިއެވެ.
ފުލުހުން ބުނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމަށްޓަކައި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ އުމުރުން 32 އަހަރުގެ ކ. މާލެ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އިބްރާހިމް އަބްދުﷲ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.
އިބްރާހިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްބަރޭ ހޯދަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެންނެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މި މަހުގެ 1 ވަނަ ދުވަހު ޒަރީރުއަށް ހަމަލާދީފައި ވާއިރު ފުލުހުން ބުނެފައި ވަނީ އޭނާއަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއް ކަމަށް ބެލެވިދާނެ އެއްޗަކުން ކަމަށެވެ. މި ހަމަލާ އާއި ގުޅިގެން ޒަރީރަށް ވަނީ އޭޑީކޭގެ އެމަޖެންސީގައި ފަރުވާދީފައެވެ.