ވ. އަތޮޅުގައި ފޮއްތެޔޮފަޅުގައި ގާތްގަނޑަކަށް ބައި ކިލޯމީޓަރުގެ ސަރަހައްދަަކަށް ގުޅިފައިވާ ފިނޮޅުތައް ހިމެނޭ "ހިނގާ ކުޅި ފިނޮޅު" ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ރިސޯޓެއް ތަރައްގީ ކުރަން ތާއީދު ނުކުރާނެ ކަމަށް ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝުޖާއު ވިދާޅުވީ، ފޮއްތެޔޮފަޅުގައި އޮންނަ ގިނަ ފިނޮޅުތަކެއް ގުޅިފައިވާ ގުދުރަތީ ރީތި ސަރަހައްދަށް އެ އަތޮޅު މީޙުން ކިޔާ އުޅެނީ "ހިނގާ ކުޅި ފިނޮޅު" ކަމަށެވެ. އެ ސަރަހައްދަކީ ގާތްގަނޑަށް ބައި ކިލޯމީޓަރު ހުންނާނެ ހާ ބޮޑު ސަރަހައްދެއް ކަމަށާއި ދިޔަވަރު ހިކިފައި އޮންނަ ވަގުތު ހިނގާލާފައި 10 ވަރަަކަށް ފިނޮޅު މަތިން ދެވޭ އެ ސަރަހައްދު އެންވާރަމަންޓް މިނިސްޓްރީއާ ގުޅިގެން ހިމާޔަތް ކުރަން ވަނީ ނިންމާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެ ގޮތުން މީގެ 4 މަހެއްހާ ދުވަސް ކުރިން އެ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށާއި މިހާރު އެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުގައި ކަންކަން އޮއްވާ އިއްޔެގެ ވަގުތެއްގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ސަރަހައްދުން 400 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓް ތަރައްގީ ކުރުމަށް ނިންމާފައިވާތީ އެ ކަމާ ގުލޭގޮތުން ބައްދަލުވުމެއް ބާއްވާތީ ދައުވަތު ދީފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީން އެ ފިނޮޅުތައް ހިމެނޭ ސަރަހައްދަށް ދީފައިވާ ނަމަކީ "ދިއްގަރު ފިނޮޅު" ކަމަށާއި އެ ނަން ކިޔާ ފިނޮޅެއް އެ އަތޮޅުގައި ނުވެސް އޮންނާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރިސޯޓް ތަރައްގީ ކުރުމަށް އެ ސަރަހައްދު ދިނުމަށް އެދިފައިވީ ނަމަވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ބޮޑު އެއް ސަބަަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ، އެ ސަރަހައްދަކީ ތިމާވެށީގެ މުހިއްމު ސަރަހައްދެއް ކަމަށާއި އަދި ހިމާޔަތް ކުރުމަށް ކުރި މަސައްކަތް ނިމުމާ ގާތަށް ގޮސްފައި ވަނިކޮށް އެ ސަރަހައްދު ހަލާކު ކުރަން ދިނުމާ ދެކޮޅު ކަމަށެވެ.

ވ. އަތޮޅުގައި ޖުމުލަ 21 ރަށެއް އޮންނައިރު މީހުން ދިރިއުޅެނީ 5 ރަށެއްގައެވެ. އަދި ރިސޯޓް މިހާރު ތަރައްގީ ކޮށް ނިމިފައިވާ 3 ރަށެއް ވާއިރު ރިސޯޓް ތަރައްގީ ކުރަމުންދާ 4 ރަށެއް އެބައޮތެވެ. އެ 4 ރަށުގެ ތެރޭގައި ބޮޑުމޮހޮރާ އާއި، ފޮއްތެޔޮބޮޑުފުށި އާއި އަންބަރާ ވެސް ހިމެނެއެވެ. މިހާރު އެއްވެސް ސިނާއަތެއް ނުހިނގާ ފަޅުރަށުގެ ގޮތުގައި 9 ރަށެއް ވ. އަތޮޅުގައި ވާއިރު ދަނޑުވެރިކަން ކުރުމަށް ވެސް އެ އަތޮޅުގައި 1 ރަށް ކަނޑައަޅާފައި ވެއެވެ.

ރިސޯޓް ތަރައްގީ ކުރަމުންދާ ތަންތަނުގެ ތެރެއިން ބޮޑުމޮހޮރާ ހަވާލު ކުރިތާ 6 އަހަރުވެފައިވާ ކަމަށާއި ފޮއްތެޔޮބޮޑުފުށި ހަވާލު ކުރިތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށާއި އަދި އަންބަރާ ހަވާލުކުރި ފަހުން 13 ވަރަކަށް އަހަރުވެފައިވާ ކަަމަށް ޝުޖާއު ވިދާޅުވިއެވެ. ޕްރޮޖެކްޓްތައް ނުނިމި އެތައް އަހަަރުތަކެއް ވެފައި ވާއިރު، ތިމާވެއްޓަށް ގެއްލުން ދޭ ތަން ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން "ހިނގާ ކުޅި ފިނޮޅު" ނުވަތަ ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުން ނަމަ، "ދިއްގަރު ފިނޮޅު" ރިސޯޓް ތަރައްގީ ކުރަން ދިނުމާ އެ އަތޮޅު ރައްޔިތުން ދެކޮޅު ކަަމަށް އޭނާ ވިދާޅުވިއެވެ.