ތިލަފުއްޓަކީ މިހާރުވެސް އަދި މާދަން 'ޖަވާހިރެއް' ފަދަ އަގު ހުރި ބިމެކެވެ. ތިލަމާލެ ބްރިޖުން މާލެ އާއި ތިލަފުށި ގުޅާލުމުން ތިލަފުށީގެ ޑިމާންޑް ބޮޑުވެ ބިމުގެ އަގު އިންތިހާއަށް އުފުލިގެން ދާނެކަން އެންމެނަށް ވެސް އެނގޭ އިރު، ނުއަގުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވިލާއަށް ބިންތައް ދިން މުއާމަލާތް އެހާ ސާފެއް ނޫނެވެ. ނުވަތަ ނުއަގުގައި ދޭން ވީ ސަބަބެއް ނޭނގެއެވެ.

ހުޅުމާލޭގެ ފޭސް 2 އާ ގުޅޭ ހިސާބުން ނިރޮޅު މަގާއި އުރީދޫ މޯލްޑިވްސްގެ ޑާޓާ ސެންޓަރާ ދެމެދުގައި އޮތް 90،000 އަކަފޫޓަކީ، ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވާ 'ޕްރައިމް ލޮކޭޝަން' ގައި އޮތް ވިލާއަށް ދޫކޮށްފައި އޮތް ބިމެވެ.

އެ ބިން ވިލާއަށް ދީފައި އޮތީ ފްލެޓް އަޅާށެވެ. ނަމަވެސް އެކަން ނުކޮށް އޮތުމުން ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ވެރިކަމުގައި އެބިން ގާސިމް އަތުން ވަކިކުރި ނަމަވެސް މިސަރުކާރުގައި އަލުން އެ ބިން ދިނެވެ. އެ ފަހުންވެސް އެތަން އޮތީ ހުސްކޮށެވެ.

އެއްވެސް ކަމެއް ނުކޮށް ހުސްބިމެއްގެ ގޮތުގައި ބާއްވަ ބާއްވާފައި، ތިލަފުށީގެ 2 ބިމަކާ ލާ ޖައްސާ ވިލާއިން ހުޅުމާލޭގެ ބިން ދޫކޮށްލި އިރު، ތިލަފުށީގެ ބިމުގެ މިއަދުގެ އަގަކީ އަކަފޫޓަކަށް 1700ރ. އެވެ. އެންމެ ފަހުން ތިލަފުށިން ވިޔަފާރި އަށް ބިން ވިއްކަން ހުޅުވާލި މުއާމަލާތްތަކުގައި ވެސް ހުރީ، 1200ރ. އާއި 1700ރ. ގެ އަގުތަކުގައެވެ.

ވިލާއަށް ތިލަފުށިން ބިން ދިނީ އަކަފޫޓަކަށް 416ރ. އަށް

ގާސިމްގެ މަސްލަހަތު އޮންނަ ވިލާ ކުންފުންޏަކީ ގޭހާއި ސިމެންތިއާއި އެނޫންވެސް އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތައް ހިންގާ ގްރޫޕެކެވެ. މާލޭގެ ހުޅަނގު ފަރާތަށް ނިކުމެ ތިލަފުއްޓާ ދިމާލަށް ބަލާލީމައި ފެންނަން ހުންނަ ތާނގިތަކެއް ފަދަ ސަރަހައްދަކީ ވިލާ ގޭހާއި ދެން ސިމެންތި ފެކްޓްރީ ހިންގާ ސަރަހައްދެވެ. ފުޅާދާއިރާއެއްގައި ގޭހުގެ ހިދުމަތް ވިލާއިން ދެމުން ގެންދާތާ ޒަމާންތަކެއް ވެފައި ވާ އިރު އެއީ ކުޑަ އިންވެސްޓްމަންޓެއް ނޫނެވެ. އޭރު އެ ހިދުމަތް ދިނުމަށް ވިލާއިން އެ ބިންތައް ނަގާފައި ހުރި ކުޑަ ލުއި އަގުތަކަކީ އެއިރަށް އެކަށޭނަ އަގުތަކަކަށް ވެދާނެއެވެ.

މިހާރު މިއޮތީ ބިމުގެ ޑިމާންޑް ބޮޑުވެފައެވެ. ހުޅުމާލެއިން ވިލާއިން ދޫކޮށްލި ބިމުގެ މުއާމަލާތް ހިންގާފައި އޮތް ގޮތް އެޗްޑީސީން ސާފު ނުވި ނަމަވެސް، އެ މުއާމަލާތުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައި ވަނީ، ލާ ޖައްސާ ތިލަފުށިން އަމިއްލަ ކުރި 2 ބިމުގެ އަގަކީ ހުޅުމާލޭގައި އޮތް 90000 އަކަފޫޓުގެ އަގު ކަމަށެވެ.

އިތުރު ފައިސާއެއް ދެއްކުމަކާ ނުލައި ތިލަފުށިން 2 ބިން އަމިއްލަ ވި އިރު އެ ދެބިން ބާޒާރުގެ ރޭޓުން [1700ރ.] އަގުމަގު ކޮށްފި ނަމަ، ޖުމްލަ 934,838,500ރ. އަށް އަރައެވެ. ނަމަވެސް ވިލާއަށް 2 ބިން މިލްކުވި ކަމަށް ބުނާ ސިވިލް ކޯޓުގެ ހުކުމުން ފެންނަން އޮތް 228.7 މިލިއަން ރުފިޔާ އަކަފޫޓެއްގެ މަގުން ބަހައިފި ނަމަ ޖެހެނީ އަކަފޫޓަކަށް 416ރ. އެވެ. މާކެޓް ޕްރައިޒް އަށް ވުރެ 1284ރ. ކުޑައެވެ.

ތިލަފުށީގައި ހުންނަ ވިލާ ގޭސް ފެކްޓަރީ

ތިލަފުށިން މިލްކު ވި 2 ބިން؛

  • 393،212 އަކަފޫޓް - ބާޒާރުގެ އަގުން ނަމަ އެއީ 668 މިލިއަން ރުފިޔާގެ ބިމެއް
  • 156،693 އަކަފޫޓް – ބާޒާރުގެ އަގުން ނަމަ އެއީ 266 މިލިއަން ރުފިޔާގެ ބިމެއް

މާލީ ބޮޑު ގެއްލުމެއް ވާ ގޮތަށް 2 ބިން ދޫކޮށްލީ ކީއްވެ؟

މިކަމުގައި އާބަންކޯގެ ބަހެއް ނެތެވެ. އެ ކުންފުނީގެ ބައެއް ވެރިންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ބިމަކީ 'ރަން ކަމަށް ވެފައި' ވާ ޒަމާނެއްގައި ބާޒާރުގެ އަގުން އަގުމަގު ކުރާނަމަ އާބަންކޯއަށް 700 މިލިއަން ރުފިޔާ އިތުރަށް ލިބެން އޮތް ހާލަތެއްގައި އެކަން އެގޮތަށް ނުކުރީ ކީއްވެތޯ ސުވާލު އުފެދެއެވެ.

ވިލާއިން ތިލަފުށީގައި ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތުމުން އެ ދެބިން ދިނީ ކަމަށް ވާނަމަ، އެއީ މުޅިން ހަމަޖެހޭ ގޮތެއް ކަމާމެދުވެސް ސުވާލު އުފެދެއެވެ. އެހެން ލާ ޖައްސާ އެކިފަރާތްތަކަށް ބިންތައް ދޭން ވެއްޖެ ނަމަ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެގޮތަށް ބިން ބޭނުން ވެއެވެ. ކުޑަޔަސް ބޮޑަސް އުސޫލު ވާން ވާނީ އެއް އުސޫލަކަށް ކަމަށް ގަބޫލު ކުރެވެއެވެ.

ދެން އެކަން ކުރީ ސިޔާސީ ގޮތުން ކަމަށް ވާނަމަ، އެވަރަކުން އަދި ގާސިމު ފަހަތަށް ޖެހިވަޑައިގަންނަވާނޭ ކަމަކަށް ނުފެނެއެވެ. އެއަށް ވުރެ ގިނައިން ގާސިމް ބޭނުންވާނެއެވެ.

މި ހިންގި މުއާމަލާތަކީ ތިލަފުށިން ވިލާއަށް މިލްކު ކޮށްދިން ދެބިން އޮތީ މުއްދަތު ހަމަވާން ކައިރިވެފައި ކަމުން، އެ މުއްދަތު ފަހަނައަޅާ ގޮސްފިނަމަ އަލުން އެ ބިންތައް ހޯދުމަށް ބޮޑު އަގެއް ދައްކަން ޖެހުމުގެ ފުރުސަތު އަޔަ ނުދިނުން ކަމަަށް ގަބޫލުކުރެއެވެ.