އޮލިމްޕަސް ސިނަމާގައި މިހާރު އަޅުވާފައި އޮތް ޑައިރެކްޓަރު އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ބަލަން އިއްޔެ އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބް ޝިވްދަސަނީ ރާއްޖެ އައެވެ.

މާދަމާ ރޭ އޮލިމްޕަހުގައި އަޅުވާ މި ފިލްމުގެ ޝޯ ބަލަން އަފްތާބް މިހާރު ތައްޔާރު ވަމުން ދާއިރު އަފްތާބް އާއެކު ފިލްމު ބެލުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މާދަމާ ރޭގެ ޝޯ ގެ ޓިކެޓް މިހާރު އޮލިމްޕަހުން ދޫކުރަން ފަށާފައި ވާއިރު މިރޭގެ 23:00 ގެ ނިޔަލަށް ފިލްމުގެ ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެއެވެ. ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން "ދަ ޕްރެސް" އަށް ބުނީ އޮލިމްޕަސް ސިނަމާއިން އަފްތާބް ދިވެހިންނާ ބައްދަލު ކުރުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

އެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ތިން ވަނަ ފިލްމެވެ. 2020 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓިން ފެށި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫގެ އިތުރުން މާލެ، ކޮލަމްބޯ އަދި ނުއަރަލިޔާ ގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހިމެނެއެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތައް ވެސް ކުޅުނު މަޝްހޫރު އެކްޓަރު ކުޅުނު ބައެއް ފިލްމު ތަކުގެ ތެރޭގައި "1920: އީވަލް ރިޓާންސް"، "ޓޯޓަލް ދަމާލް" އަދި މިސްޓަ އިންޑިއާ" ހިމެނެއެވެ.