"މޮކާ" ގެ ނަމުން ނަން ދީފައި ވާ ބާރުގަދަ ތޫފާން މިޔަންމާ އާއި ބަންގްލަދޭޝް ގެ އައްސޭރި ފަރަށް އަރައިފިއެވެ.

ވައިގެ ބާރުމިން ގަޑިއަކު 120 މޭލަށް ހުރި އިރު، އެންމެ ބިރު ބޮޑީ މިލިއަނެއްހާ މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ތޫފަން އަރާފާނެތީއެވެ. ފަން ޖިފުޓިއާއި ޓެންޓް ތަކުގައި ދިރިއުޅޭ މީހުންގެ ބޯހޮޔަވަހިކަން ވިއްސިވިހާލި ވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައި ވާ އިރު ގިނަ ބަޔަކު ވަނީ އެސަރައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބަޔަކު އެ ކޭމްޕްގައި ތިބި ކަމަށް އޮފިޝަލުން ބުނެއެވެ.

މިހާތަނަށް 500،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައި ވާ އިރު، މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ވަނީ، ތޫފާނުގައި އަންނަ ބާރު ވަޔާއި ވެހޭ ބޯ ވާރޭގައި ތިރި ސަރަހައްދުތަކުގައި ފެންބޮޑުވެ ގިނަ ޖިފުޓިތައް ނެތި ދިޔުމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

ލަފާ ކުރާ ގޮތުން ތިރި ސަރަހައްދުތަކުގައި 4 މީޓަރަށް ފެންބޮޑުވާނެއެވެ.

ފާއިތުވި 20 އަހަރުގެ ތެރޭގައިވެސް އެ ސަރަހައްދަށް ކުރިމަތި ނުވާ ވަރުގެ ބާރުގަދަ މި ތޫފާނުގެ އަސަރު ފޯރި ސަރަހައްދުތަކުން މިހާރުވެސް ވަނީ ކަރަންޓާއި އިންޓަނެޓްގެ ހިދުމަތް ކެނޑިފައެވެ. އެގޮތުން މިޔަންމާގެ ގޮނޑުދޮށުގެ ސިޓީއެއް ކަމަށް ވާ ސިޓެވޭ ގައި މިހާރުވެސް ފަނީ ފެންބޮޑުވެ އެތައް ބަޔަކު ތާށިވެފައެވެ. އޮފިޝަލުން ބުނާ ގޮތުގައި، އެހީއަށް އެދި އެތައް ސަތޭކަ ކޯލެއް މިހާރުވެސް ލިބެމުން ދެއެވެ. ނަމަވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހިސާބަށް ދަތުރުކުރުމުގައި ވަނީ ދަތިތަކާ ދިމާވެފައެވެ.

ބާރު ވައިގައި ބިލްބޯޑުތަކާއި ގޭގޭގެ ފުރާޅުތައް އެއްލާލަމުން ދާއިރު މުވާސަލާތީ ހިދުމަތަށް ބޭނުން ކުރާ ޓަވަރެއްވެސް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ވެއްޓުނު ގަހަކުން ޖެހި 14 އަހަރުގެ ކުއްޖަކު މަރުވެފައި ވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރާ މެދު ކަންބޮޑުވުން އުފެދިފައިވާ މިދަނޑިވަޅުގައި އާންމުން މަގުތަކަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ގެންދާ އިރު އެ ސަރަހައްދުގައި ހުންނަ ސްކޫލްތައް ވަނީ މީހުންނައިގެން ފުރި ބާރުވެފައެވެ.