އިންޑިއާގެ ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީ އަށް ތޫފާން މިޗައުންގް އަރާ ފެންބޮޑުވެ އެންމެ ބިޒީ އެއާޕޯޓު ހުއްޓުމަކަށް އަތުވެއްޖެއެވެ.
އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެއާޕޮޓުގެ ރަންވޭ މަތީގައި އޮތް ބޯޓު ފަހަރުގެ ފުރޮޅުތައް ފޮރުވޭވަރަށް ފެންބޮޑުވެފައި ވާ އިރު ޖެހެމުންދާ ބާރުވަޔާއެކު ވެހިކަލަތްތައް ވެސް އޮޔާދާތަން ފެނެއެވެ.
ގަޑިއަކު 100 މޭލު ބާރުމިނުގައި ވައި ހުރި މި ތޫފާން މިއަދުގެ ވަގުތެއްގައި އެންމެ ދެކުނުގެ 2 ސިޓީގެ އައްސޭރިފަށަށް އަރާނެ ކަަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފައި ވާ އިރު، ޗެންނާއީގައި ފެންބޮޑުވެ ދިމާވި ހާދިސާތަކުގައި މިހާތަނަށް ވަނީ 4 މީހަކު މަރުވެފައެވެ.
އޭގެ ތެރެއިން 2 މީހަކު މަރުވީ އިމާރާތެއްގެ ފާރު ވެއްޓި އެމީހުން ދަށުވެގެން ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އެންމެ ފުޅާ ދާއިރާއެއްގައި އިލެކްޓްރޯނިކްސް އާއި އުފެއްދުންތެރިކަމުގެ މަސައްކަތް ކުރާ ޗެންނާއީގެ ބޮޑުބައެއްގައި ފެންބޮޑުވެ ހުރިހާ ހިދުމަތަކަށް ވަނީ ބުރޫއަރާފައެވެ. މަގުތަކުގެ މަތިން ކާރުތަކާއި ވެހިކަލްތައް އޮޔާ ދާއިރު ލިބިދާނެ ބޮޑެތި ގެއްލުންތަކަށް ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެމެރިކާގެ އެޕަލް ފޯން އުފައްދާ ޓައިވާނުގެ އެންމެ ބޮޑު ފެކްޓަރީގެ ޗެންނާއި ބްރާންޗާއި ޕެޓަގްރަން ގެ ކާރުހާނާތައްވެސް ވަނީ ބަންދުކޮށްފައެވެ. މި ދެ ކާރުހާނާ ހުންނަނީ ޗެންނާއީގެ ސަރަހައްދުގައި ސިޓީ ސެންޓަރާ ތަންކޮޅެއް ދުރުގައި ނަމަވެސް މޫސުމީ މި ވިއްސާރައިގެ ނުރައްކާ އެތަންތަނަށްވެސް އޮތް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ގިނަ ސަރަހައްދުތަކުގައި ކަނކޫތާ ފެން ހެދި އިއްޔެއިން ފެށިގެން ކަރަންޓުގެ ހިދުމަތް ބޮޑު ސަރަހައްދަކުން ކެނޑިފައިވާ އިރު އޮފިޝަލުން މިހާރު އަންދާޒާ ކުރަނީ ތޫފާން އެންމެ ދެކުނުގެ އަންދަރަ ޕްރެދޭޝް އާ ދިމާއަށް ދަތުރު ކުރަމުން ދާ އިރު ޗެންނާއީއަށް ކުރަމުން ދާ ވިއްސާރަ މިއަދު އަލިވާނެ ކަމަށެވެ.
ޗެންނާއީ އަށް 2015 އަހަރުވެސް މިފަދަ ތޫފާނެއް އަރާފައި ވެއެވެ. އެފަހަރު 290 މީހަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބުނެވެ.
އިންޑިއާގެ ޗެންނާއީ އަކީ ބޭސްފަރުވާ އާއި ވިޔަފާރިއާއި އެނޫންވެސް ބޭނުންތަކުގައި ދިވެހިންވެސް ގިނަ އަދަދަކަށް ގޮސް އުޅޭ ސިޓީއެކެވެ. ފެން ބޮޑުވުމުގެ މިހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއްވެ ނުވަތަ ހާލުގައި ޖެހުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.