ފާއިތުވި ހަފްތާއާއި ހިނގަމުން މިދާ ހަފްތާގެ ތެރޭގައި އޭޝިއާއަށް ކުރަމުން ދާ މޫސުމީ ވިއްސާރައާއި ތޫފާނުތަކުގައި މަރުވި މީހުންގެ އަދަދު 1140 އަށް އަރައިފިއެވެ.
ހަފްތާއެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު މަރުވެގެން ދިޔަ އިރު މިއީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިތުރަށް ބޮޑުވެއްޖެ ކަމުގެ ރަނގަބީލެއް ކަމަށް މާހިރުން ބުނެއެވެ. އަދި މިއީ މޫސުމީ ބަދަލުތަކަށް ނޭދެވޭ އަސަރު ކުރާ މާއްދާތަކާ މުޅިން ދުރަށް ދާންވީ ކަމުގެ އިންޒާރެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ހިސާބުތަކުން ދައްކާގޮތުން ޖައްވު ނުސާވު ކުރުވާ ވިހަ މާއްދާތައް އެންމެ ގިނައިން ބޭރު ކުރަނީ ދުނިޔޭގެ ތަރައްގީވެފައި ވާ ބޮޑެތި ގައުމުތަކުންނެވެ. ޖައްވު ނުސާވުމުގެ ނަތީޖާއަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލާން ޖެހުމެވެ.
ހުސްވި ހަފްތާގައި އޭޝިއާގެ ގައުމުތަކުން ތަހަންމަލް ކުރަންޖެހިފައިވާ މޫސުމީ ކާރިސާތަކަށް ބަލާއިރު، އިންޑޮނީޝިއާ، ސްރީލަންކާ، ތައިލޭންޑް އަދި މެލޭޝިއާއަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެނބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތައް ހިންގާފައި ވެއެވެ.
ހުސްވި ހަފްތާގައި މަރުވި ކަމަށް ރެކޯޑް ކުރި 1140 މީހުންގެ ތެރޭގައި؛
- ތައިލޭންޑް: 176 މަރު
- މެލޭޝިއާ: 3 މަރު
- ސްރީލަންކާ: 335 މަރު
- އިންޑޮނީޝިއާ: 604 މަރު ހިމެނެއެވެ.
މީގެ އިތުރުން މިއިން ކޮންމެ ގައުމަކުން އެތައް ބަޔަކު ގެއްލިގެން ރިޕޯޓު ކޮށްފައި ވާއިރު ތަފާތު އެކިވަރުގެ ސީރިއަސް އަނިޔާތަކާއެކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދުތައް 5000 އާ ގާތް ކުރެއެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވެސް ފޯރާފައިވާ އިރު، ރާއްޖެއާ އެންމެ ކައިރިން ސްރީލަންކާއަށް މިހާރު އަރާފައި ވާ ތޫފާނު 'ދިތުވާ' ގައި އެގައުމުގެ 12 ޕްރޮވިންސެއްގައި ވަނީ ފެންބޮޑުވެ އެތައް ބަޔަކު ހާލުގައި ޖެހިފައެވެ. ދިވެހިންގެ ތެރެއިން 1800 އެއްހާ މީހުން މިހާރުވެސް ދިރިއުޅޭ ލަންކާއަށް ދިމާވެފައި ވާ ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން 2 ދުވަހުގެ މުއްދަތަށް ތެލެތޯނެއް ކުރިއަށް ގެންގޮސްފައި ވާ އިރު ފައިސާގެ ގޮތުގައި 13 މިލިއަނެއްހާ ރުފިޔާ ވަނީ އެއްކުރެވިފައެވެ.
މީގެ އިތުރުން ދިވެހި ސަރުކާރުގެ ފަރާތުން ހަދިޔާ ކުރާ 50،000 އެމެރިކާ ޑޮލަރާއި 1.2 މިލިއަން މަސްދަޅާއި އަމިއްލަ ބައެއް ވިޔަފާރިވެރިން ހަދިޔާ ކުރި 6 މިލިއަނެއްހާ ރުފިޔާ އެއްކޮށްލުމުން ގާތްގަނޑަކަށް 19 ވަރަކަށް މިލިއަން ރުފިޔާއަށް އަރާނެއެވެ.
