ހަފްތާ ނިމެނިކޮށް ދެކުނު އެފްރިކާގެ 3 ގައުމަކަށް 2 ބުރަކަށް އެރި ޔޫފާން ފްރެޑީގައި މުޅި ސަރަހައްދު ސުންނާފަތި ކޮށްލި އިރު މިހާތަނަށް 220 މީހަކު މަރުވެފައި ވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ދެކުނު އެފްރިކާގެ މަލާވީ، މޮޒަމްބީކް އަދި މަޑަގަސްކަރައިގެ އައްސޭރި ފަށަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް އެންމެ ދިގު މުއްދަތަކަށް ދެމިގެން ދާ ތޫފާނެވެ. މަހެއްހާ ދުވަހަށް މި ތޫފާން ދިގުދެމިގެން ދާއިރު، އެ 3 ގައުމުގެ އައްސޭރިފަށަށް ހަފްތާ ބަންދުގައި 2 ބުރަށް އަރާފައިވެއެވެ.

އޮސްޓްރޭލިއާގެ ކަނޑުން އުފެދުނު މި ތޫފާން ދެކުނު އިންޑިއާ ކަނޑު ހުރަސްކޮށް ދެކުނު އެފްރިކާގެ އައްސޭރި ފަށަށް އެރީ 8000 ކިލޯ މީޓަރު ކަޑައްތު ކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުން ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައިވެސް އިންޑިއަން އޯޝަން ހުރަސްކޮށް އެފްރިކާގެ މި ސަރަހައްދަށް މިފަދަ ތޫފާނެއް އަރާފައެއް ނުވެއެވެ. އަދި މިއީ މިހާތަނަށް އެންމެ ބާރު ފޯސްގައި އަރާފައިވާ އެއް ތޫފާން ކަމަށް ވާއިރު ގަޑިއަކު 80 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެއެވެ. މި ބާރު ވައިގައި ގެތައް އުކާލައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

އިދާރާތަކުން ބުނާގޮތުން ފްރެޑީ ދަތުރު ކުރަމުން ދަނީ ޖުމްލަ 7 ތޫފާނެއް ހިފެނޭގޮތަށް ބައިބަޔަށް އަވަސް އަވަހަށް ބަދަލުވަމުން ދާ ގޮތަށެވެ.

މި ތޫފާނުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މަލާވީ އިންނެވެ. އެ ގައުމުން 190 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައިވާ އިރު ލައްކަ އަކާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ހާލުގައި ޖެހިފައެވެ.