އޮލިމްޕަސް ސިނަމާގައި މިހާރު އަޅުވާފައި އޮތް ޑައިރެކްޓަރު އަލީ ސީޒަންގެ ފިލްމު "ލޯބިވެވިއްޖެ" ބަލަން އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބް ޝިވްދަސަނީ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އަފްތާބްގެ މި ދަތުރަކީ ''ލޯބިވެވިއްޖެ'' ގެ ޓީމްގެ ފަރާތުން އޭނާ އަށް ދިން ދައުވަތަކަށް އެ ފިލްމު ބަލާލުމަށްޓަކައި އައި ދަތުރެކެވެ. މިހާރުވެސް އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ''ލޯބިވެވިއްޖެ'' ބަލާލުމަށް އަފްތާބް ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ކިއީ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނީޒް އަލީ އާއި އާމިނަތު ޝަނާޒްގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ޢަލީ ސީޒަންއެވެ.

ރާއްޖެ އައުމަށް ފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން އަފްތާބް ބުނީ ފިލްމު ބަލަން ރާއްޖެ އާދެވިއްޖެ ކަމަށާއި ފިލްމު ބެލުމަށް ކެތްމަދުވެފައި ހުރިކަމަށެވެ. އަފްތާބް ބުނީ ހުރިހާ އެންމެން ވެސް ސީޒަންގެ "ލޯބިވެވިއްޖެ" ބެލުމަށް އޮލިމްޕަހަށް ދާނެކަމަށް އުންމީދު ކުރާ ކަމަށެވެ. ފިލްމުގެ ޓީމުން ބުނީ އޮލިމްޕަސް ސިނަމާއިން ދިވެހިންނާއި އަފްތާބް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކްޓަރު އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ތިން ވަނަ ފިލްމެވެ. 2020 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓިން ފެށި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫގެ އިތުރުން މާލެ، ކޮލަމްބޯ އަދި ނުއަރަލިޔާ ގައެވެ. ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމުގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން މަރިޔަމް އައްޒަ، އާމިނަތު ރިޝްފާ، އަހުމަދު އީސަ (އާނަންދު)، އަލީ އާޒިމް (ދޮން އައްޔަ)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހިމެނެއެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރު އަހްމަދު ޒަރީރެވެ. ކެމެރާމަން އަކީ އިބްރާހީމް މޫސާ (ދަބަ)އެވެ. ޖުމްލަ 8 ލަވަ ހިމެނޭ ގޮތަށް އުފައްދާފައިވާ މި ފިލްމުގެ ހުރިހާ ލަވަތަކެއް މިހާރު އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައި ވާއިރު ފިލްމުގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ހަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އަންމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް އަލީ އަދި ނަފްހާއެވެ.

ދާދިފަހުން ސީޒަންގެ "ލޯބިވެވިއްޖެ" ބެލުމަށް މީހަކު އޭނާގެ ހަތަރު އަނބިން ގޮވައިގެން ދިއުމަށް މުޅި ޝޯ ގަނެލިއެވެ. ނަމަވެސް މި ފިލްމު ބަލަން ދިޔައީ އޭނާ އާއެކު އޭނާގެ ދެ އަނބިންނެވެ.