އއ. އުކުޅަސް އަށް ރާ ވިއްކާކަމަށް ތުހުމަތުކޮށްފައިވާ ސަފާރީ އެ ރަށު ފަޅު ތެރެއިން ނެރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

ފަޅުގައި އަޅާފައި އޮތް ސަފާރީއަކުން އެ ރަށަށް ރާ ވިއްކާ ކަމުގެ ތުހުމަތުކޮށް އެ ރަށުގައި އިހްތިޖާޖު ކޮށްފައި ވާއިރު ރޭ ކޯޓުން ނެރުނު އަމުރުގައި ވަނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ސަފާރީ ފަޅުން ނެރުމަށް އަމުރު ކޮށްފައެވެ. ނަމަވެސް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި ނަމަ ސަފާރީ ނެރުން ފަސް ކުރެވިދާނެ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އުކުޅަސް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މިރޭ 10:00 ގެ ކުރިން އެ ސަފާރީ އުކުޅަސް ފަޅުން ނެރެން ޖެހެއެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގަމުން އަންނަ އުކުޅަހުގައި ރާ ވިއްކާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މީގެ ކުރިން މި މައްސަލަ ވަނީ އެ ރަށު ކައުންސިލަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް މި މައްސަލައިގައި ކައުންސިލުން އެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

މީގެ އިތުރުން ކައުންސިލް އިދާރާ ކުރިމަތީ ބޮއްކުރާއެއް ބަހައްޓާފައިވާއިރު މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް އެސްއޯ ފުލުހުންވަނީ އެ ރަށަށް ގޮސްފައެވެ. ރަށުގެ ރައްޔިތުން ނިކުމެ މުޒާހަރާކުރަން ފެށުމުން، ކޯޓު އަމުރެއްގެ ދަށުން ސަފާރީ ބަލާފާސްކުރި އިރު ސަފާރީން ބަނގުރާ ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ރަށު ރައްޔިތުންވަނީ މައްސަލަ ހޫނުވެ ފުލުހުން ސަފާރީ ބަލާކަން އެގުމުން ރާ ފޮރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ.