އާއިލީ ގުޅުން ބަދަހި ކުރުމަށް ރާވާފައިވާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ފެސިލިޓޭޓަރުން ތަމްރީނު ކޮށްފިއެވެ.

"ގެވެށި ގުޅުން ކެމްޕެއިން"ގެ ދަށުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މިހާތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕޮރޮގްރާމް ހިންގާ 358 މީހުން ވަނީ ތަމްރީނު ކޮށްފައެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ކޮންމެ އަތޮޅެއްގެ ކޮންމެ ރަށަކުން ދެ މީހަކު ވަނީ ބައިވެރި ކޮށްފައެވެ.

މި ޓްރެއިނިންގް ޕްރޮގްރާމްގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކާއި، އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަދި، އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ހިދުމަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރު ކޮށްދެއެވެ.

ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތަކުގެ ތެރެއިން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފެސިލިޓޭޓަރުން ތަމްރީނު ކުރުމަށް ދާ މި ޕްރޮގްރާމް ތަކުގެ އެންމެ ބޮޑު އެއް މަގްސަދަކީ ގެވެށި އަނިޔާ އަދި އާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

އަދި މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ވެފައިވާ ފެސިލިޓޭޓަރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ތިބުން ކަމަށް ވާއިރު، ޕްރޮގްރާމްތައް ނުހިންގި ހުރި ހުރިހާ ރަށެއްގައިވެސް ޖޫން މަސް ނިމުމުގެ ކުރިން ފެސިލިޓޭޓަރުން ތަމްރީނުކޮށް ނިމޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބަޖެޓުންނާއި، ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ފަންޑުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ވަނީ ތައްޔާރު ކޮށްފައެވެ.