ޔޫކްރައިން ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހި އޮތް ދެކުނު އެފްރިކާއިން ރަޝިއާއަށް ހަރިޔާރު ފޯރުކޮށްދިން ކަމަށް އެމެރިކާއިން ބުނެ، އޮޅުވާލުމަށް ފަހު މައާފަށް އެދިއްޖެއެވެ.
ދެނުކު އެފްރިކާއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ރޫބެން ބްރިގެޓީ ވިދާޅުވީ އޭނާ އަށް ދެއްކުނު ވާހަކައިގެ މާނަ ނުބައިގޮތަކަށް ނެގި ވައިޓްހައުސް އިން ދެއްކި ވާހަކަ ތަކަށް އޭނާ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކަމުގައި އޮތުމަށް އެދިވަޑައިގަންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އޭނާ މައާފަށް އެދިވަޑައިގެންނެވި އިރު، ދެކުނު އެފްރިކާއަށް ތުހުމަތު ކޮށް ވައިޓްހައުސް އިން ދެއްކި ވާހަކަތައް އޮތީ މުޅި ދުނިޔެއަށް ފެތުރި ނިމިފައެވެ. އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކުރުމަށް ދެކުނު އެފްރިކަގެ ރައީސް ސައިރިލް ރަމަޕޯސާ އަމުރު ކުރެއްވުމާއެކު މައްސަލަ ހޫނުވެ އެމެރިކާއިން މައާފަށް އެދުނީއެވެ.
ދެކުނު އެފްރިކާއަށް ތުހުމަތުކޮށް އެމްބެސެޑަރު ވާހަކަ ދައްކަވަމުން ކުރިން ވިދާޅުވެފައި ވަނީ ރަޝިއާގެ ކާބޯ ބޯޓެއް ކަމަށް ވާ 'ލޭޑީ އާރު' މިދިޔަ އަހަރުގެ ޑިސެމްބަރުގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ބަނދަރު ކުރި ކަމަށާއި، ރޭގަނޑު ދަންވަރު ބޯޓަށް ކާގޯ ލޯޑް ކުރި ކަމަށެވެ. އޭރު އެ ކަމާ ގުޅިގެން އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކުންވެސް ސުވާލު އުފެއްދިއެވެ. އެމީހުން ބުނެފައި ވަނީ އެ ބޯޓަށް ލޯޑް ކުރީ ހަތިޔާރުތޯ ބަލަން ޖެހޭ ކަމަށެވެ. އެމްބެސެޑަރު އެވާހަކަ ދެކެވި ވަގުތަކީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން، ދެކުނު އެފްރިކާގެ ރައީސަށް ގުޅުއްވާ ދެގައުމުގެ ގުޅުމާއި ރަހުމަތްތެރިކަން ވަރުގަދަ ކުރުމަށް ވާހަކަ ދެއްކެވި ވަގުތެއްވެސް މެއެވެ.
ދެކުނު އެފްރިކާއަށް ކުރެވޭ ތުހުމަތަކީ ތެދުނަމަ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލަކަށް ވާނެ އިރު އެގައުމަކީ ޔޫކްރައިން މައްސަލައިގައި އދ ގައި ނަގާ ވޯޓުތަކުގައި ވެސް ވަކިކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުން މިހާތަނަށްވެސް ބުނަމުން ގެންގޮސްފައި ވަނީ ޔޫކްރައިން ހަނގުރާމައިގެ މައްސަލައިގައި އެގައުމުން ވަކި އަތަކަށް ނުޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި އެމެރިކާއިން ދެކުނު އެފްރިކާއަށް ބުލީ ކުރިކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވާ އިރު، ހިސާބުތަކުން ދައްކާގޮތުން އެގައުމުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޮޑުބައެއް ހިނގަނީ ހުޅަނގާއެކުގައެވެ.