މި މަހުގެ 2 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭއްގައި ހިނގި ނުރައްްކާތެރި އެކްސިޑެންޓެެއްގައި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެއެވެ.

އެ ދުވަހު ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު އެ ދުވަހުގެ މެންދުރުފަހު 03:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

20 އަހަރުގެ އެ ޒުވާނާއަށް މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައިވެސް ފަރުވާދީފައި ވާއިރު އޭނާ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ (13 ވާ ހޮނިހިރު) ފަތިހު އާސަހަރާ މިސްކިތުގައެވެ.

އެ ޒުވާނާ ނިޔާވިކަން "ދަ ޕްރެސް" އަށް ކަށަވަރުވެފައި ވާއިރު މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފަހަކަށް އައިސް މާލެ އާއި ބައެއް ރަށްރަށުގައި ހިނގަމުން ދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރި ކަމަށް ހާއްސަ ކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.