ނިއުއޯކް ސިޓީގައި މީހާގެ ބަރުދަނާ ހުރެ ތަފާތުކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފިއެވެ.
އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 40 ޕަސެންޓް މީހުންނަކީ ފަލަމީހުން ކަމަށް ބެލެވޭއިރު ދިރާސާތަކުން ދައްކާ ގޮތުގައި މީހާގެ ބަރުދަނުގެ ސަބަބުން އަންނަ ތަފާތު ކުރުންތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ވަކިން ހާއްސަކޮށް ފަލަކޮށް ތިބޭ އަންހެނުންނަށް ލިބޭ އުޖޫރަ ކުޑަވުން ފަދަ ބޮޑެތި މައްސަލަތައް ހިމެނެއެވެ.
ސިޓީ ކައުންސިލަރު ޝޯން އަބްރޫ ބުނީ ބަރުދަނާ ހުރެ ތަފާތު ކުރުމަކީ "މީހުން އުފުލަން ޖެހިފައިވާ ހިމޭން ބުރައެއް" ކަމަށެވެ.
އާންމު އަޑުއެހުންތަކުގައި ސަޕޯޓަރުން ވަނީ ރެސްޓޯރަންޓުތަކާއި ތިއޭޓަރުތަކުގައި އިށީނދެ ތިބުމުގައި ދަތިތަކާއި، ގެދޮރު ނުދިނުމުގައި ދިމާވާ ދަތިތަކާއި، ސިޓީގެ ބައިސްކަލުތައް ބޭނުން ކުރުމުގައި ބަރުވާތީ ލިމިޓް ކުރާ ކަމަށް ބުނެފައެވެ.
ބިލު ސްޕޮންސާ ކުރި ކައުންސިލް މެމްބަރު ޝޯން ބުނީ ލޮކްޑައުންގައި 18.1 ކިލޯ އޭނާގެ ބަރުދަނަށް އިތުރުވުމުން، އޭނާއާ މެދު މީހުން އަމަލުކުރާ ގޮތް ތަފާތުވިކަން ވަރަށް ބޮޑަށް ފާހަގަވިކަމަށް ބުނެފައެވެ. އަދި އެމީހުންނާ މެދު ތަފާތުކުރުން ގެންގުޅެނީ އެއްވެސް ހުރަހެއް ނެތި ކަމަށާއި މުޖުތަމައުތެރޭގައި އެކަން އާންމުވެފައި ވުމީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މި ފިޔަވަޅު ގާނޫނަކަށް ހެދުމަށް ނިއުޔޯކްގެ މޭޔަރު ސޮއި ކުރައްވާނީ މި މަހުގެ ފަހުކޮޅު ކަމަށް ބެލެވެއެވެ. މިކަމަށް ވަނީ ވަރަށް ގިނަ ބައެއްގެ ތާއީދުވެސް ލިބިފައެވެ.
ނިއުޔޯކް ސިޓީ ކައުންސިލްގެ މައިނޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޖޯސެފް ބޮރެލީ ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ގާނޫނުގެ ސަބަބުން ނިއު ޔޯކުގެ ރައްޔިތުންނަށް ކޮންމެ މީހަކާއި ކޮންމެ ކަމަކާ ދެކޮޅަށްވެސް ދައުވާ ކުރުމުގެ ބާރު ލިބިގެން ދާނެތީ ކަންބޮޑުވާ ކަމަށެވެ.
"އަހަރެންގެ ބަރުދަން ބޮޑު ނަމަވެސް އަހަރެންނަށް އެއްވެސް ތަފާތުކުރުމަކާ ކުރިމަތިވެފައެއް ނުވޭ. އަހަންނަށް ހަމައެކަނި ދިމާވާ ގޮންޖެހުމަކީ އަހަރެގެންގެ ގަމީހުގެ ގޮށްތައް އަޅުވަން އުނދަގޫވުން" އޭނާ ބުންޏެވެ.
މިޝިގަންއިން 1976 ވަނަ އަހަރުން ފެށިގެން ބަރުދަނުގެ މައްޗަށް ބިނާކޮށް މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން މަނާކޮށްފައި ވާއިރު، ސެން ފްރެންސިސްކޯ އާއި ވޮޝިންޓަން ޑީސީ ފަދަ އެހެން ބައެއް ސިޓީތަކުގައި ވެސް އެފަދަ ގާނޫނުތައް ވަނީ ހަދާފައެވެ.
ނިއުޔޯކް، މެސަޗޫސެޓްސް، ވާމޮންޓް އަދި ނިއު ޖާޒީގައި މިހާރު ވަނީ ސްޓޭޓް ލެވެލްގެ ބިލްތައް ތައާރަފް ކޮށްފައެވެ.
މި މަސައްކަތް ތަކަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އޮބޭސިޓީ ރޭޓް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން ކުރި މަސައްކަތެކެވެ.
ނިއުޔޯކް ސިޓީގެ ބިލާ ގުޅޭ ގޮތުން ނޭޝަނަލް އެސޯސިއޭޝަން ފޯ ދަ އެޑްވާންސްމަންޓް އޮފް ފެޓް އެކްސެޕްޓޭޝަންގެ އެޑްވޮކޭސީ ޑިރެކްޓަރު ޓެގަން ލެޗެލަ ބުނީ މިއީ ސިއްހީ މައްސަލައެއް ނޫން ކަމަށާއި އެއީ މަދަނީ ހައްގުތަކުގެ މައްސަލައެއް ކަމަށެވެ. މީގެ ބޭނުމަކީ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާ، ހަމަ ހަމައަށް ތަންތަނުގައި ތިބުމާއި ހިދުމަތްތައް ބޭނުންކުރުމުގެ ހައްގު ޔަގީންކޮށްދިނުމެވެ.
ނިއުޔޯކްގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި މިހާރުވެސް ބޯހިޔާވަހިކަމާއި މަސައްކަތުގެ މާހައުލާއި ޕަބްލިކް އެކޮމޮޑޭޝަންގައި ތަފާތު ކުރުން މަނާކޮށްފައި ވަނީ އުމުރާއި ކައިވެނީގެ ހާލަތާއި ނުކުޅެދުންތެރިކަން އަދި ގައުމީ އަސްލު ހިމެނޭ ގޮތަށް 27 ސިފައަކަށް ބަލައިގެންނެވެ.
މި ބިލުގައި އެ ލިސްޓަށް ބަރުދަނާއި ދިގުމިން ވަނީ އިތުރު ކޮށްފައެވެ.
ކައުންސިލް މެމްބަރު ޝޯން ބުނީ ގައުމުގެ އެންމެ ބޮޑު ސިޓީގެ މި ފިޔަވަޅަކީ އެހެން ސިޓީތަކާއި ސްޓޭޓްތަކުން ވެސް އެގޮތަށް އަމަލު ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމެއް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަަހރެމެން އެދެނީ މި ބިލަކީ އެވްރެޖް ބަރުދަނަށް ވުރެ މަތީގައި ނުވަތަ އެއަށް ވުރެ ދަށުގައި ހުރި ނަމަވެސް، އެ މީހުންނަކީވެސް މުހިންމު ބައެއްގެ ގޮތުގައި ދެކުން." އޭނާ ބުންޏެވެ.