އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެމްޑީޕީއިން މިފަދައިން ބުނެފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީއިން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ރިއްފަތު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ރިއްފަތާއި ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށެވެ.

ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ރިއްފަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އެމްޑީޕީއިން ބުނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނު އަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި ރިއްފަތު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތެއް ކަމަށެވެ.

ރިއްފަތަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި ރިއްފަތު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށާއި މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއިން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި މި ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމަށްވެސް ވަނީ ބުނެފައެވެ.