ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ފާސްކުރެވޭނެ ކަމުގެ ޔަގީންކަން އިދިކޮޅުގައި ނެތް ކަމަށް ދޭހަވާ މޭރުމަކުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވާހަކަ ދައްކަވައިފިއެވެ.

އިމުގެ މައްސަލައިގައި ސަރުކާރާ އިދިކޮޅު މެންބަރުން ވަނީ ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ މައްސަލައިގައި އެކުގައި މަސައްކަތް ކުރަނީ:

  • ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް / ޕީއެންސީ)
  • އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަން
  • ޖުމްހޫރީ ޕާޓީ
  • އެމްއެންޕީ

މިކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން މިއުވާން ވިދާޅުވީ، އެ ނޫސްވެރިންގެ ބައްދަލުވުމުން [ކޯލިޝަން ޕީޖީ] ފެނުނީ ނަންބަރުތަކާ ގުޅޭގޮތުން އެއް މެންބަރަކު އަނެއް މެންބަރަކާ ސުވާލުކުރައްވާ މަންޒަރު ކަމަށެވެ.

"އެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސުވާލުކުރައްވާ ތަން ފެނޭހެން އަޅުގަނޑަށް ހީވަނީ، ސޮއިކުރެއްވި ބޭފުޅުންގެ އަދަދު އެ ބޭފުޅުންނަށް ޔަގީންނުވޭ، ބޭނުންވާ އަދަދަށް ވޯޓުން ވެދާނެ ކަމަށް އެ ބޭފުޅުން އެ ލަފާކުރައްވަނީ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ޗާގޯސް މައްސަލައިގެ އިތުރުން އެހެނިހެން މައްސަލަތަކުގައި ވެސް އެ ބޭފުޅުން އެއްގަލަކަށް އަރައި ވާހަކަ ދެކެވޭނެ ކަމަކަށް ހިޔެއް ނުވެއެވެ.

"ބައެއް ބޭފުޅުން ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ވިދާޅުވޭ، އަނެއް ބޭފުޅުން ވިދާޅުވޭ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫނޭ، ދެން ރާއްޖޭގެ ތަނެއް ނޫނިއްޔާ ކިހިނެެއްތޯ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެ ގައުމެއްގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދަކަށް ވާނީ؟ އެހެނެއްވެސް ނުވާނެތޯ،" މިއުވާން ވިދާޅުވިއެވެ.

"އެހެންވީމާ އެ ބޭފުޅުން އެއްބަސްވާ އެންމެ ކަމެއް މި އޮންނަނީ، އެއީ ވެރިކަން ކުރަން ހުރިހާ ބޭފުޅުން އެއްބަސްވޭ، އެހެންނަމަވެސް ވެރިކަން ކުރާނީ ކިހިނެއްތޯ އެންމެން ގުޅިގެންތޯ ވަކިވަކިންތޯ، އެކަމާ ގުޅިގެން ވެސް އެއްބަސްވުމަކަށް ނާދެވޭ،"
މިއުވާން

އޭނާ ވިދާޅުވީ، ފެންނަނީ ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން މެންބަރުން އެއްގަލަކަށް އަރާވަޑައިގަތް މަންޒަރު ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް މިއަދު ހުށަހަޅާފައި ވާނެ ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 100 އާއި 101 ވަނަ މާއްދާގައިވާ ގޮތުން، ސަބަބު ބަޔާންކޮށް، ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ސޮޔާ އެކުގައެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކުގައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވުމަށް މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ. އެއީ 43 ވޯޓެވެ. ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.