ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ނެވާ ހޭވް އައި އެވާ"ގެ ހަތަރު ވަނަ ސީޒަންގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

މި ސީޒަން ވެގެންދާނީ މި ޝޯގެ ފަހު ސީޒަނަށްވެސް މެއެވެ. އަންނަ މަހުގެ އަށްވަނަ ދުވަހު މި ސީރީޒްގެ ފައިނަލް ސީޒަން ގެންނަން ނިންމާފައި ވާއިރު ފިލްމުގެ ޓްރެއިލާ އިން ޝައުގުވެރި ގިނަ މަންޒަރުތަކެއް ފެނިގެން ދެއެވެ. އަދި މި ފަހަރުގެ ސީޒަނަށްވެސް މުޅިން އާ ތަރިއަކު އަންނާނެއެވެ. ސީރީޒްގެ މެއިން ކެރެކްޓާ ދޭވީގެ ރޯލުން ފެނިގެންދާ މެއިތްރެއީ ރާމަކްރިޝްނަން 21، ބުނީ މި ސީރީޒަކީ އޭނާގެ ހިތާއި ގުޅިފައިވާ ސީރީޒެއްކަމަށާއި ސީރީޒްގެ ސެޓުން ބައެއް ތަކެތި އޭނާ ރައްކާކުރި ކަމަށެވެ. އެއީ އަބަދުވެސް ސީރީޒް މަތިން ހަނދާން ކުރުމަށްކަމަށްވެސް އޭނާ ބުންޏެވެ. މެއިތްރެއީ ބުނީ "ނެވާ އައި ހޭވް އެވާ" ގެ ފުރަތަމަ ސީޒަން ޝޫޓްކުރިއިރު އޭނާގެ އުމުރަކީ އެންމެ 17 އަހަރު ކަމަށާއި ސީރީޒްގެ ޒަރިއްޔާ އިން އޭނާގެ އެކްޓިން އައި ކުރިއެރުމާއި އޭނާ ބޮޑުވިގޮތް ފެނިގެންދާ ކަމަށެވެ.

ދެހާސް ވިހި ވަނަ އަހަރު ނެޓްފްލިކްސް އިން ރިލީޒްކުރި މި ސީރީޒްވެފައި ވަނީ ބޮޑު ހިޓަކަށެވެ. އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ޓީނޭޖް އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒްގެ މި ފަހަރުގެ ސީޒަނަށް މުޅިން އާ އިންޑިއާ ކެރެކްޓާއެކު އާދެއެވެ. އެއާއެކު މި ސީރީޒްގެ މެއިން ކެރެކްޓާ ދޭވީ އާއެކު އިންޑިއާ އަށް ނިސްބަތްވާ ތިން ކެރެކްޓާ ސީރީޒްގައި އުޅޭނެއެވެ.

މި ސީރީޒުން ފެނިގެންދާ އެހެން ތަރީންގެ ތެރޭގައި ޕޫރްނާ ޖަގަނާތަން، ސެންތިލް ރާމަމޫރުތީ، ޑެރެން ބާނެޓު، ލީ ރޮޑްރިގޭޒް، ޖެރެން ލިއުސަން އަދި ރިޗާ މޫރްޖާނީ ހިމެނެއެވެ. މަޝްހޫރު ކޮމޭޑިއަން އަދި ޕްރޮޑިއުސަރު މިންޑީ ކޭލިންގް އުފެއްދި މި ސީރީޒްގެ ފަހު ސީޒަންގައި ޖުމްލަ 10 އެޕިސޯޑު ހިމެނޭއިރު ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނީ މި ސީރީޒް ނިމޭނެ ގޮތަކާއި މެދުއެވެ. ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެންމެފަހުން ދޭވީ ލޯބީގެ ގޮތުން ގުޅޭނީ ކޮން ކެރެކްޓަރަކާ ބާވައެވެ. ފަހު ސީޒަނުން ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ލިބިގެންދާނެއެވެ.