ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރާއި އަދިތްޔާ ރޯއީ ކަޕޫރު އަކީ މިއަދުވެސް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. ދެތަރިންގެ އޮން ސްކްރީން ކެމިސްޓްރީވެސް ގިނަ ބަޔަކަށް ކަމުދާއިރު މިދެތަރިން އަލުން ގުޅޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން ވެސް މަދެއް ނޫނެވެ.
2010 ވަނަ އަހަރު އަމީތާބު ބައްޗަން އާއެކު ފިލްމީ ކެރިއަރު ފެށި ޝްރައްދާ ކަޕޫރަކީ މިއަދުވެސް ބޮލީވުޑްގައި އެންމެ ނަން ހިނގާ ބަތަލާއެވެ. 2009 ވަނަ އަހަރު ސަލްމާން ހާން އާއެކު ބޮލީވުޑަށް ތައާރަފްވި އަދިތްޔާ އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ވިދާ އެއް އެކްޓަރުވެސްމެއެވެ. ޝްރައްދާ އާއި އަދިތްޔާ އެކުގައި ކުޅުނު ފިލްމު "އާޝިގީ 2" އަކީ އޭރުވެސް އަދި މިއަދުވެސް ގިނަ ބަޔަކަށް ކަމުދާ ފިލްމެކެވެ. 2013 ވަނަ އަހަރު ރިލީޒްކުރި މި ފިލްމު 180 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދިއިރު ބޮކްސް އޮފީހުގައި މި ފިލްމަށްވަނީ 1.9 ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. ޝްރައްދާ އާއި އަދިތްޔާ ރޯއީ ކަޕޫރުގެ ފިލްމީ ކެރިއަރުގައި މިހާތަނަށް އެންމެ ކާމިޔާބު އެއް ފިލްމު "އާޝިގީ 2"ގައި މިދެތަރިން ކުޅުނީ ވަރަށް ލޯބި ރޯލެކެވެ. އެ ފިލްމުގެ ސެޓުން ދެތަރިން ދިމާވެ އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ.
ފިލްމުގެ ޝޫޓިން އަށްފަހު ދެތަރިން ގާތްވެ އެގުޅުން ލޯތްބަށް ބަދަލުވެ ދެމީހުން ލޯބީގެ ގޮތުން ގުޅުނެވެ. އޭރު ޝްރައްދާގެ ކެރިއަރު އޮތީ ޕީކުގައެވެ. ޕަޕަރާޒީންނަށްވެސް ވަރަށް ސިއްރުން މިދެތަރިން އެކުގައި އުޅުނުއިރު ރިޕޯޓްތައް ބުނާގޮތުގައި އަދިތްޔާ އޭރު ޝްރައްދާ އާއި ދިމާކުރަން ދަނީ އެގެއަށެވެ. 24 ގަޑިއިރުހެން ދެމީހުން ގޭގައި އުޅޭއިރު ޕަޕަރާޒީންގެ ލޯ މައްޗަށް ނާރަން އެމީހުން ވަރަށް މަސައްކަތްކުރިއެވެ. ދެމީހުން އެކުގައި އުޅުނުދުވަސް ވަރު ސީކްރެޓް ވެކޭޝަންތަކަށް ވެސް ދެމީހުން ވަރަށް ގިނައިން ދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލޯބިން އެކުގައި ހަތަރުވަރަކަށް އަހަރުދުވަސް ހޭދަކުރުމަށްފަހު ދެތަރިންގެ ފޭނުން ސިއްސުވާލީ ދެމީހުން ވަކިވި ހަބަރާއެކުގައެވެ. އޭރު ދެތަރިން ވަނީ އެއްކޮށް ކުޅެން ފިލްމަކަށް ސޮއިވެސްކޮށްފައެވެ. ޝްރައްދާ އާއި އަދިތްޔާ ރުޅިވި ނަމަވެސް ދެމީހުންވަނީ އެއްބަސްވީ ފަދައިން 2017 ވަނަ އަހަރު ރިލީޒްކުރި "އޯކޭ ޖާނޫ" ކުޅެދީފައެވެ. އެ ފިލްމުގައިވެސް ދެމީހުންގެ ކެމިސްޓްރީ ކަމުދިޔަ އިރު ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ މިދެތަރިން އަނެއްކާވެސް ގުޅޭނެ ކަމަށެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ އެގޮތަކަށް ނޫނެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޝްރައްދާ އާއި އަދިތްޔާ ވަކިވީ މަޖުބޫރުވެގެންނެވެ. ދެމީހުންގެ ދެމެދު މައްސަލައެއް ވެސް ޖެހިގެންނޫނެވެ. ސަބަކަކަށްވީ ޝްރައްދާގެ ކެރިއަރު ޕީކުގައި އޮތުމަށްފަހު އޭނާގެ ބައްޕަ އަދިތްޔާ އާއެކު އުޅެން އެއްބަސްނުވުމުންނެވެ. ޝްރައްދާގެ ބައްޕަ ޝަކްތީ ކަޕޫރު އަކީ ބޮލީވުޑްގެ ކުރީގެ ވަރަށް ކާމިޔާބު އެކްޓަރެކެވެ. ބައްޕަ އާއި ދެކޮޅަށް އެ ގުޅުން ކުރިއަށް ގެންދަން ބޭނުންނުވުން އަދިތްޔާ އާއި ޝްރައްދާ ނިންމީ ދެމީހުން ވަކިވުމަށެވެ. އޭގެ ފަހުން ދެތަރިން އެއްކޮށް އެއްވެސް އިވެންޓަކުން ފެނިފައެއްނުވެއެވެ.
ޝްރައްދާ އާއި އަދިތްޔާ ވަކިވިތާ ހަތް އަހަރުވެގެން ދިޔައިރުވެސް އެދެތަރިންގެ ފޭނުން އިންތިޒާރުކުރަނީ ދެމީހުން ގުޅޭނެ ދުވަހަކަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮލީވުޑްގައި އެންމެ ގުޅޭ ޖޯޑަކީ އެއީއެވެ. ފިލްމު "އާޝިގީ 3" އިއުލާންކުރުމާއެކުވެސް ފޭނުން ބޭނުންވީ އެދެތަރިން އަލުން އެއްކޮށް ސްކްރީނަށް ގެނައުމަށެވެ. ނަމަވެސް ފިލްމުގެ ބަތަލުގެ ރޯލު ކާތިކް އާރްޔަން ކުޅޭކަން އިއުލާންކުރުމުން ފޭނުން މުޅިން މާޔޫސްވިއެވެ.
ބަތަލާ ޝްރައްދާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ ނަން މަޝްހޫރު ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އާއި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދެތަރިން އެކުގައި އުޅޭކަން ހާމަނުކުރި ނަމަވެސް ދޭތެރެ ދޭތެރެއިން ދެމީހުން ކައިވެނިކުރަން އުޅޭ ވާހަކަ އަޑުއިވެއެވެ. މަޝްހޫރު އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު، ޝްރައްދާ އާއި ރުޅިވިފަހުން އެކަކާއެކު މާ ގިނަ ދުވަސްވަންދެން އުޅެވިފައެއް ނުވެއެވެ. މިހާރު އެކްޓަރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އާއެކު ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ޖޯޑު ގިނަ ބަޔަކަށް ކަމަކު ނުދެއެވެ. އަދިތްޔާ އަށްވުރެ އުމުރުގެ ގޮތުން މާ ހަގު ބަތަލާއަކަށްވުމުންނެވެ. އަދި މިދެމީހުން ނުގުޅޭ ކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.
ރޯހަން އާއި ޝްރައްދާ ކައިވެނިކުރޭތޯ ބަލަމާއެވެ. އަދިތްޔާ އާއި އަނަންޔާގެ ގުޅުން ދެމިގެން ދޭތޯ ބަލަން ތިބޭށެވެ. ނޫނީ އަނެއްކާވެސް ޝްރައްދާ އާއި އަދިތްޔާގެ ޖޯޑު އެނބުރި އަންނާނެތޯ ބަލަމާއެވެ. ކިޔުންތެރިން ދެކޭގޮތުގައި އެންމެ ކެމިސްޓްރީ ދިމާވަނީ ކޮން ޖޯޑަކާ ހެއްޔެވެ؟