ހުޅުމާލޭގައި ގާއިމްކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ މައި ހިއްސާދާރު ޖިން ޝީ ހޫއާ ދެމެދު މައްސަލަ ޖެހުނީ އެޕާޓްމަންޓްތައް ވިއްކުމަށް ފަހު ފައިސާ ނަގައިގެން ފިލަން ކުރި މަސައްކަތަށް އެއްބަސްނުވުމުން ކަމަށް ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ބުނެފިއެވެ.

މަންޑޭ ބުނީ ޖިން ޝީ ހޫ އުޅުނީ ހަންބޯ މޯލްޑިވްސްގެ އޮފީހުގައި ތިބި އޭނާގެ އެކައުންޓަންޓުންނާ ގުޅިގެން އެޕާޓުމަންޓުތައް ވިއްކުމަށް ފަހު ފައިސާ ނަގައިގެން ރާއްޖެއިން ފިލަން ކަމަށެވެ. އަދި މައްސަލަ ޖެހުނީ މަަންޑޭ އެކަމަށް އެއްބަސް ނުވުމުން ކަމަށެވެ.

މަންޑޭ މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިން ޝީ ހޫ ޝެއާ ސްޓްރަކްޗާ ބަދަލު ކުރަން ހުށަހެޅި ކަމަށެވެ. އަދި ދެ ޑައިރެކްޓަރުން ތިބި ބޯޑަކަށް 3 ޑައިރެކްޓަރުން އައްޔަންކޮށް ކޯރަމް 2 ޑައިރެކްޓަރުންގެ މައްޗަށް ބަދަލު ކުރުމަށް ހުށަހެޅުމުގެ މަގުސަދަކީ ނުބައި ރޭވުމެއްގެ ދަށުން ލާރިކޮޅު ހިފައިގެން ފިލަން ފިލުން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ 95 ޕަސެންޓް ހިއްސާ ޖިން ޝީ ހޫ އަށް ވަކި ޝަރުތުތަކަކާއެކު ކަން މަންޑޭ ފާހަގަކޮށްފައި ވާއިރު ޖިން ޝީ ހޫއަށް އެ ކަނޑައެޅިފައިވާ ހިއްސާ ލިބޭނީ އެއްބަސްވުމުގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރުމުންނެވެ. އަދި މަންޑޭ އާއި ކުރީގެ ހިއްސާދާރުންނަށް ދޭން ޖެހޭ ފައިސާ ވެސް އެ ޒިންމާތަކުގެ ތެރޭގައި ހިމެނޭއިރު މިހާތަނަށް އެ ފައިސާ ލިބިފައެއް ނުވާ ކަމަށް އޭނާ ބުނެއެވެ.

ކޭޕާކު ރެސިޑެންސްގެ ވެރިފަރާތުގެ ހައިސިއްޔަތުން ދީފައިވާ ބާރުތަކުގެ ތެރޭގައި އެޕާޓްމަންޓްތަކުން ލިބޭ ފައިސާ ބަލައިގަތުމުގެ ބާރު އޮތް ނަމަވެސް އެއީ ލޯކަލް އޭޖެންޓަށް ލިބޭ ފައިސާއެއް ނޫން ކަމަށާއި އޭޖެންޓަށް ލިބޭނީ ކޮށްފައިވާ މަސައްކަތުގެ އަގަށް ލިބޭ ފައިސާ އެކަނި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރަށް ހަންބޯ ކޮމްޕެނީގެ ހިސާބުކިތާބު ބެލެހެއްޓުމަށް މައި ހިއްސާދާރުގެ ހާއްސަ އެކައުންޓަންޓުންނާއި މުވައްޒަފުން ތިބި ކަމަށާއި އެހެންކަމުން ކުންފުނީގެ އެއްވެސް ކަމެއް މައި ހިއްސާދާރަށް ނޭނގޭ ކަމަށް ބުނުމަކީ ގަބޫލު ނުކުރެވޭ ކަމެއް ކަމަށް ވެސް މަންޑޭ ވަނީ ބުނެފައެވެ.

ކޭޕާކު ރެސިޑެންސް ހަދާފައި ވަނީ އެޕާޓްމަންޓްތައް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށާއި ޖިން ޝީ ހޫ ނޫން ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ. އަދި ޖިން ޝީ ހޫ ކޮށްފައިވާ ކަންކަމަށް ހަންބޯ ކުންފުނިން ލާރި ނަގާފައިވާއިރު އާބަންކޯއަށް ހުށަހަޅަން ޖެހޭ ސެކިއުރިޓީ ހުށަހަޅާފައިވާނީ ވެސް މަންޑޭގެ މަސައްކަތުން އޭނާ އަމިއްލައަށް ކަމަށް އޭނާ ބުނެއެވެ.

ކޭޕާކުގެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން މަންޑޭ ދޭނެކަން ފާހަަކޮށް އޭނާ ބުނީ ކޭޕާކް ރެސިޑެންސްގެ މައްޗަށް ޖިން ޝީ ހޫގެ އެއްވެސް ކުންފުންޏެއްގެ ގާނޫނީ ބާރެއް ނޯންނާނެ ކަމަށާއި ކޭޕާކް ރެސިޑެންސީއަކީ ޖިން ޝީ ހޫގެ ތަނެއް ކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް ކަމުގައެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް" ގެ އެޕާޓްމަންޓުތައް އޮޅުވާލައިގެން ވިއްކި މައްސަލަ އާބަންކޯއިން ފުލުހުންނަށް ހުށަހަޅައިފައި ވާއިރު އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެޕާޓްމަންޓްތައް ގަނެފައިވާ ފަރާތްތަކުން ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.