ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާތިލް ކޮށްދިނުމަށް އެދި އަންނަ ހަފްތާގައި އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާއިރު ޗާގޯސް މައްސަލައިގައި މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށް ބުނެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ބާތިލް ކޮށްދިނުމަށް އެދި މީގެ ކުރިން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.
އުމަރު ނަސީރު ވިދާޅުވީ "ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު" އަދި ރާއްްޖެ ސޮއިކޮށްފައިވާ "އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ" މުއާހަދާ އަދި ރައްޔިތުންގެ މަޖްލީހުގެ ލަފާ ހޯދުމަކާއިނުލައި ޣައިރު ދުސްތޫރީ ގޮތަކަށް ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އޮތްކަމެއްގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު މޮރިޝަސް އަށް ދޫކޮށްލި މައްސަލައާއި ގުޅިގެން އޭނާ އިތުރު 2 ބޭފުޅުންނާއެކު ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމިނިންމުން ފަޑިޔާރުންގެ މަޖްލިސް އަށް އެޕީލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި އަންނަ ހަފްތާގައި ސްޕްރީމް ކޯޓަށް އަލުން އެ މައްސަލަ ހުށަހެޅޭނެ ކަމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އުމަރު ނަސީރާއި މުހައްމަދު މުސްތާގް އަދި ރިޓަޔާޑް ލ. ކާނަލް ޒުބައިރު އަހުމަދު މަނިކުގެ ނަމުގައެވެ. އަދި އެ މައްސަލައިގައި އެދިފައިވަނީ، ރައީސް ސޯލިހުގެ ފަރާތްޕުޅުން ފޮނުވި ސިޓީ ބާތިލް ކޮށްދިނުމަށާއި އެ ސިޓީ އާންމު ކޮށްދިނުމުގެ އިތުރުން އެ މައްސަލައިގައި ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ބާތިލް ކޮށްދިނުމަށެވެ.
އެ ސިޓީއާ މެދު މީގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ، ލީކްވެގެން ކަމަށް ބުނެ އާންމު ކުރަނީ ސިޓީ ނޫން ކަމަށެވެ. އަދި ސިޓީގައި އޮތް ވާހަކަ އިޓްލޮސް އިން ނިންމި މައްސަލައިގެ ހުކުމުގައި އެބައޮތް ކަމަށެވެ. އެ ހުކުމުގައި އޮތީ، ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އައިސީޖޭ އިން އދ އަށް ދިން އިޝްތިޝާރީ ލަފައާ އެއްގޮތަށް ބަލައިގަނެ އދ ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށާއި، ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ދަތުރު ކުރަން ބޭނުންވާ މޮރިޝަސްގެ އުޅަނދު ފަހަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިޓްލޮސް އިން ވަނީ ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާފައެވެ. އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދު ބަހާލުމުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބިފައި ވާއިރު މޮރިޝަސްއަށް ލިބިފައި ވަނީ 45،331 އަކަ ކިލޯމީޓަރެވެ.
ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން ރާއްޖެއިން ވޯޓު ދޭނެ ކަމަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކުން މޮރިޝަސް އަށް އަންގަވާފައި ވާއިރު، މިއޮއްހާ ދުވަހު ރާއްޖެއިން ދަމަހައްޓަމުން އައި އުސޫލާ ދިމާ އިދިކޮޅަށް ވޮލަންޓިއާ ކޮށް މޮރިޝަސް އަށް ވޯޓު ދޭން ނިންމި ސަބަބު އަދިވެސް މުޅިން ސާފު ނުވެއެވެ.