މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބާއްވާ ހަރަކާތްތައް ފަށައިފިއެވެ.

ފުލުހުންނާއި ޔުނެސްކޯ ގުޅިގެން ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނައިރު މި އަަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ގއ. އަތޮޅުގައެވެ.

ފުލުހުން ބުނީ މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މި މަހު 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ގއ. އަތޮޅުގެ ރަށްރަށުގައި ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. މި ހަރަކާތްތަކުގެ ތެރެއިން މިހާރު ކުރިއަށް ގެންދަނީ ގއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގެމަނަފުށީގައި ކުޑަކުދިންގެ އާޓް އެގްޒިބިޝަނަކާއި ކަލާ ރަން އެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން މުހިންމުކަން އަންގައިދޭ މެސެޖުތަކާއެކު ބިލްބޯޑު އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަން، ރަށްރަށުގެ ކައުންސިލް އިދާރާ ތަކާއި ރަށްރަށުގައިހުރި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ކުލަބް ޖަމުއިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަމާއެކު ގައެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރު ފުލުހުން ވަނީ އައްޑޫ ސިޓީގައިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.