ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައިފިއެވެ.

19.13 މިލިއަން ރުފިޔާއަށް މި މަސައްކަތް ޕްލޭނިންގް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި އެވެ. މި މަޝްރޫއުގެ ދަށުން 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓްޖެހުމުގެ އިތުރުން 894,18 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ސަބަބުން އެންމެ ކުރީއްސުރެވެސް ގާދިއްފުށްޓަށް ދިމާވެފައިވާ ރަށްގިރުމުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި މިއީ އެ ރަށު ރައްޔިތުންގެ ވަރަށް ކުރީއްސުރެ ވެސް ދެކެމުންދާ ހުވަފެނެއް ކަމަށެވެ.

ގާދިއްފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން

އަދި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ތުނޑީކޮޅު ސަރަހައްދުން ކަމަށާއި ގިނަ ރުއްތަކާއި ގަސްތައް އެކަމުގެ ސަބަބުން ހަލާކުވެގެން ގޮސްފައި ކަމަށެވެ. ނަމަވެސް މިހާރު އެ ސަރަހައްދު ހިމާޔަތް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

757 މީހުންގެ އާބާދީ އޮންނަ ގާދިއްފުށީގައި ކުރިން މަސްވެރިކަން ކޮށް އުޅުނު ނަމަވެސް މިހާރު މަސްވެރިކަން އެއްކޮށްހެން ވަނީ ހުއްޓިފައެވެ. ރަށުގެ ބޮޑު އާބާދީއެއް ވެރިރަށް މާލެއަށް ހިޖުރަކޮށްފައިވުމާއެކު، ގިނަ ފަރާތްތައް އުޅެނީވެސް މާލެ ވަޒީފާތަކުގައި ނޫނި ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި ރިސޯޓްތަކުގައެވެ. މި ރަށުގައި މާ ބޮޑު ދަނޑުވެރިކަމެއް ނެތްނަމަވެސް ބައެއް ގެތަކުގެ ގޯތިތެރޭގައި ދަނޑުހައްދައިގެން އުޅެއެވެ. ހަމައެހެންމެ ފަރުމަސްވެރިކަން ކޮންމެވެސް ވަރަކަށް ކުރާ ޑިންގީ އަދި ލޯންޗުފަހަރުވެސް އެ ރަށުގައި ގެންގުޅެއެވެ.