ސަރުކާރުގެ ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވީ ފަރުމާ އިންޓާނޭޝަނަލް ޔޫތު ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީން ކުރައްވާފައިވާ އަގުހުރި ތާރީހީ މަސައްކަތްކުގެ މައްޗަށް އަލިއަޅުއްވާ ރައީސް ސޯލިހް ވިދާޅުވީ ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއްކަމަށެވެ. އެގޮތުން ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި ލާފެންކުރުމާއި ތެދުއުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކުގެ އިތުރުން ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ފަންނުވެރިކަމަކީ އިންސާނީ ވަސީލަތް ތަރައްގީކުރުންކަމަށާއި އެއީ ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަމަށެވެ. އަދި ގައުމެއް ގައުމަކަށް ވަނީ ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
މިރޭ ހުޅުވި ފަރުމާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި އެ ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.
ފަރުމާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގައި 8 ގައުމަކުން ޖުމްލަ 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައިވާއިރު މި ފެސްޓިވަލްއަކީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓިވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހަށް ސޯޝަލްސެންޓަރުގައެވެ.