ރެޔާއި ދުވާލުގެ ގިނަ ވަގުތު ފޯނުގައި ހޭދަކުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ ވަރަށް ބޮޑު އާދައެކެވެ. ރައްޓެހިންނާއި އާއިލާ މީހުންނާ ގުޅުން ބަދަހިކުރަނީ ފޯނުންނެވެ. އޮފީހުގެ މަސައްކަތްތައް ކުރުމުގައިވެސް ގިނަ މީހުން ފޯނު ބޭނުން ކުރެއެވެ. ނަމަވެސް ތަޖުރިބާކާރުން އިންޒާރު ދީފައި ވަނީ ލޭގެ ޕްރެޝަރު ދަށްކޮށް، ހިތްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް ފޯނުގައި ހޭދަ ކުރާ ވަގުތު މަދުކުރުމަށެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހަފުތާއަކު އެންމެ ބައި ގަޑިއިރު މޯބައިލް ފޯނު ބޭނުންކުރުމަކީ ވެސް ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. ތަޖުރިބާކާރުން ބުނަނީ ފޯނުން ގުޅައިގެން އާންމުކޮށް ދުވާލެއްގެ މައްޗަށް އެއްގަޑިއިރު ހޭދަކުރާ މީހުންނަށް މި ބަލިޖެހުމުގެ ފުރުސަތު ބޮޑެވެ.
ޗައިނާގެ ސަދަން މެޑިކަލް ޔުނިވާސިޓީގެ ޓީމަކުން ވަނީ ފޯނު ކޯލް ކުރުމާއި، ފޯނަށް އަންނަ ކޯލުތައް ނަގައިގެން ވާހަކަ ދެއްކުމާއި ލޭމައްޗަށް ދިއުމާ ގުޅުމެއް އޮތްތޯ ބަލާފައެވެ.
ފޯނު ބޭނުންކުރާ ގޮތުގެ މައުލޫމާތު ހޯދުމަށް އިނގިރޭސިވިލާތުގެ ދެ ލައްކައަށް ވުރެ ގިނަ ބޮޑެތި މީހުންގެ ޑޭޓާ ވަނީ އެނަލައިޒް ކޮށްފައެވެ. އެގޮތުން ފޯނު ބޭނުން ކުރަމުން އައީ ކިތައް އަހަރުތޯ އާއި ހަފުތާއަކު ކިތައް ގަޑިއިރު އެކަމަށް ހޭދަކުރިތޯ ދިރާސާގައި ވަނީ ބަލާލާފައެވެ.
12 އަހަރުގެ ދިރާސާއިން ހާމަވިގޮތުގައި ހަފުތާއަކު 30 މިނެޓް ނުވަތަ އެއަށް ވުރެ ގިނަވަގުތު ފޯނު ކޯލުތަކުގައި ހޭދަކުރާ މީހުންގެ ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު 12 ޕަސެންޓް އިތުރެވެ. މިއީ ދުވާލަކު އެންމެ ހަތަރު މިނެޓާއި 17 ސިކުންތު ވަންދެން ހަފްތާއަކު ކޮންމެ ދުވަހަކު ފޯނުގައި ހުރުމާ އެއްވަރުގެ އަދަދެކެވެ.
ޔޫރަޕިއަން ހާޓް ޖާނަލް - ޑިޖިޓަލް ހެލްތުގައި ދިރާސާގެ ޓީމުން ލިޔެފައިވާ ގޮތުގައި މި ދިރާސާގެ ނަތީޖާގެ ސަބަބުން ފޯނުން ގުޅައިގެން ވާހަކަ ދެއްކުމުގެ ރައްކާތެރި ކަމާމެދު ސުވާލު އުފެދެއެވެ. އިނގިރޭސިވިލާތުގެ ބޮޑެތި މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުންނަކީ ލޭގެ ޕްރެޝަރު މަތި މީހުންނެވެ.
މި ހޯދުންތަކަށް އިތުރަށް ތަފްސީލުކޮށް ބަލާލުމުން އެނގުނު ގޮތުގައި ކޮންމެ ހަފުތާއަކު ހަ ގަޑިއިރަށް ވުރެ ގިނައިރު ފޯނުގައި ހޭދަކުރާ މީހުންގެ ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ފުރުސަތު 25 ޕަސެންޓް އިތުރެވެ.
މި ދިރާސާގެ ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރު ޒިއަންހުއީ ކިން ބުނީ މި ދިރާސާގެ ހޯދުންތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ތަފްސީލީ އިތުރު ދިރާސާތައް ހެދުން މުހިންމު ކަމަށެވެ. ނަމަވެސް އެހާތަނަށްވެސް ފޯނުގައި ހޭދަކުރާ ވަގުތު ބައި ގަޑިއިރަށް ވުރެ މަދުކުރުމަށް އޭނާ ވަނީ ލަފާދީފައެވެ.
އިނގިރޭސިވިލާތުގައި އުމުރުން ދުވަސްވީ މީހުންގެ ހަތަރުބައިކުޅަ އެއްބައި މީހުން (ގާތްގަނޑަކަށް 14.4 މިލިއަން މީހުން) ގެ ލޭގެ ޕްރެޝަރު މަތިކަމަށް އަންދާޒާ ކުރެވެއެވެ. އޭގެ ސަބަބުން ހިތުގެ ނާރުތަކުގެ އިލާސްޓިކް މަދުވުމުން ލޭ އަދި އޮކްސިޖަން ދައުރުވުން މަދުވެ، ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.
މޮބައިލް ފޯނު ބޭނުންކުރުމާއި ލޭގެ ޕްރެޝަރު މަތިވުމާ ދެމެދު އޮންނަ ގުޅުމަކީ ޑިވައިސްތަކުން ބޭރުވާ ރޭޑިއޯފްރިކުއެންސީން ހަކަތަ ދަށްވުން ކަމަށް ސައިންސްވެރިން ބުނެއެވެ.
މޯބައިލް ފޯނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ދިރިއުޅުމުގެ ވަސީލަތަކަށް ވެފައިވާ އެއްޗަކަށް ވާއިރު ދިރިއުޅުމާއި ތިމާގެ ސިއްހަތަށް އަންނަ ބަދަލު ދެނެގަނެ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ލަސް ނުވަނީސް ފިޔަވަޅު އެޅުން މުހިންމެވެ.