ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހި އިދިކޮޅު މައި ޕާޓީ އަދި ކޯލިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާ ބައްދަލު ކުރައްވައިފިއެވެ.

މި މަޝްވަރާގެ ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އަދި ފިކުރެއްގެ ދިރުން ފެކްޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ކުރީގެ ރައީސް ނަޝީދުގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ، ހުސައިން އަމްރު އެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ މުހިއްމު ބައްދަލުވުމެއްކަން ފާހަގަ ކޮށް އިދިކޮޅުން ބުނީ، މި މައްސަލައިގައި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވަކި ފަރުދުންނާވެސް މި ކަމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެގޮތުގެ މަތިން ނަޝީދު އާ ވެސް ބައްދަލު ކުރެއްވީ ކަމަށެވެ. މިކަމުގައި ސަރުކާރުގެ ފަރާތުން ގޯސްތަކެއް ހަދާފައި ހުރި ކަމަށް ހުދު ނަޝީދު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އިމުގެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހުކުމް ކުރީ އޭޕްރީލް 28، 2033 ގައެވެ. އިކުއިޑިސްޓެންސްގެ ދަށުން 200 ނޯޓިކަލް މޭލު ބަހާލުމުން، ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މައްސަލައިގައި ދެކޮޅަށް އަޑުއުފުލާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނެފައި ވަނީ އެންމެ ބޮޑު އެއް މައްސަލައަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ޔުގާނަތަށް ފޮނުއްވި ސިޓީފުޅު ކަމަށެވެ. މިދިޔަ އަހަރު ފޮނުއްވި އެ ސިޓީފުޅުގައި ރައީސް ވަނީ، ޗާގޯސް އަކީ މޮރިޝަސްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ބަދަލުކުރަން އެ ގައުމާ އެއްކޮޅަށް ރާއްޖޭން ވޯޓު ދޭނެކަން ހާމަކުރައްވާފައެވެ.

ނަމަވެސް، މައްސަލަ ގޯސްވީ ރައީސް އެ ނިންމުން ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުމާ ނުލާ އެ ސިޓީފުޅު ފޮނުއްވުމުންނެވެ. މި މައްސަލައިގައި ސަރުކާރާ އިދިކޮޅު ގިނަ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރައީސް ގާނޫނުއަސާސީ އާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށެވެ. ގާނޫނުއަސާސީގެ ތިންވަނަ މާއްދާގައިވާ ގޮތުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގައި ތިއްބަވާ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓަކުން ފާސްކުރާ ގާނޫނަކުންނެވެ.

މި މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރެއްވީ ގާނޫނުއަސާސީ އާ ހިލާފަށް ކަމަށާއި، އެހެންކަމުން އެމަނިކުފާނު އަޒުލްކުރަން ޖެހޭ ކަމަށްވެސް އަދުރޭ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ސަރުކާރުގެ އިތުރުން އަދާލަތު ޕާޓީ ފިޔަވާ އެހެން ޕާޓީ ތަކުން ވަކާލާތު ކުރަމުންދަނީ ޗާގޯސް މައްސަލައިގައި ކަނޑުގެ ބޮޑު ސަރަހައްދެއް ރާއްޖެއަށް ގެއްލިފައިވާ ކަމަށެވެ.