އަމިއްލައަށް މަރުވާ ވާހަކަ ނުވަތަ މަރުވާން އުޅޭ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި މިހެން ބުނެފައި ވަނީ މިއަދު ގދ. ފަރެސްމާތޮޑާގައި 12 އަހަރުގެ ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނުނު މައްސަލަައެއްގެ ވާހަކަ ފެންމަތިވުމުންނެވެ.

ފުލުހުން ބުނީ އަމިއްލައަށް މަރުވާ މައްސަލަތައް ރިޕޯޓް ކުރުމުން އެ ފަދަ މައްސަލަަތައް އިތުރުވާ ކަމަށް ދިރާސާތަކުން ދައްކާތީ އެފަދަ މައްސަލަތައް ރިޕޯޓް ކުރުމަށް ހިތްވަރު ނުދޭ ކަމަށެވެ. އަދި އަމިއްލައަށް މަރުވާ ނުވަތަ އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތަކުގެ މައުލޫމާތު ފުލުހުން ވެސް ހާމަ ނުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި މަރުގެ މައްސަލަ އިތުރުވެފައި ވާއިރު އަމިއްލައަށް މަރުވާކަމަށް އަޑު ފެތުރޭ ވާހަކަތައްވެސް ހިމެނެއެވެ. އަމިއްލަ އަށް މަރުވުމަކީ އޭގެ ފާފަވެރިކަން ބޮޑު ނުބައި އަމަލެކެވެ. މާތް ﷲ ވަހީކުރައްވާފައި ވެއެވެ. "އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، اللَّهއަށް ދާދި ފަސޭހަކަމެއް ކަމުގައި ވެއެވެ."