ގައުމެއްގެ ކަނޑާއި ވައިގެ ސަރަހައްދު ގާނޫނީ ގޮތުން ކަނޑައެޅިފައި އޮންނަ ގޮތް ޑިފެންސް މިނިސްޓްރީން ބަޔާންކޮށްދީފިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ޑިފެންސް މިނިސްޓްރީން ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.
އަދި ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދާއި، ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑުގެ އިތުރުން މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ އަދި އެ ސަރަޙައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ރައްކާތެރިކަން ގާއިމުކޮށްދިނުން ކަން ފާހަގަކޮށް ޑިފެންސް މިނިސްޓްރީން ބުނީ އިންޓަރނޭޝަނަލް އެއާސްޕޭސް ގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން، ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އަންނަ ރިކުއެސްޓްތައް ރިޖެކްޓް ކުރަމުންދާކަމަށް މީގެކުރިން ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އިމްޕޯޓަށް ބަރޯސާވެފައިވާ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވެދާނެ އިގްތިސާދީ އަދި ސަލާމަތީ ގޮންޖެހުންތައް ވަރަށް ގާތުން ބަލަމުން ދާކަމަށެވެ.
އެގޮތުން ރާއްޖޭގެ އަމާން ކަމާއި އިގުތިސާދު ހިމާޔަތް ކުރުމުގެ ދަށުން، އެއްވެސް ގައުމަކުން ހަމަލާއެއް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު އަދި މިހާތަނަށް ބޭނުންކޮށްފައި ނުވާނެކަމަށް ހަލީލު ވިދާޅުވިއެވެ. އަދި އެއްވެސް ގައުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކޮށް ހަމަލާ ދިނުމަށް ހުއްދައެއްވެސް ނުދޭނެކަމުގެ ޔަގީންކަން ހަލީލު ދެއްވިއެވެ.
މެދުއިރުމަތީގެ ހަމަ ނުޖެހުންތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ހާއްސަކޮށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާ މިނިސްޓަރު ހަލީލު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނީއްސުރެން ބޭރުގަ ދިރިއުޅުއްވާ ފަރާތްތަކުން ރެޖިސްޓްރީވާން އިއުލާންކޮށް، އޭގެ ދަށުން އެހީބޭނުންވެފައިވާ ދިވެހިންނަށް އެހީ ފޯރުކޮށްދެވެމުންދާކަމަށެވެ.
