ޒުވާން އުމުރުގެ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ އިންޒާރުގެ ހަތަރު އަލާމާތެއް އާ ދިރާސާއަކުން ދައްކައިފިއެވެ.

ކުރިން އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ މި ބަލި، ޒުވާން އުމުރުގެ މީހުންނަށް މިހާރު ޖެހޭ މިންވަރު ނިސްބަތުން އިތުރުވެފައި ވާތީ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން 1990 ގެ އަހަރުތަކަށް ފަހު، 50 އަހަރުން ދަށުގެ މީހުންނަށް މި ބަލި ޖެހޭ މިންވަރު ދެގުނަ އިތުރުވެފައި ވާކަމަށް ދިރާސާއިން ވަނީ ދައްކާފައެެވެ.

ޑޮކްޓަރުން ކުރި ދިރާސާގައި ވަނީ އުމުރުން 50 އަހަރު ފުރުމުގެ ކުރިން ގޮހޮރުގެ ކެންސަރު ޖެހިފައިވާ 5075 މީހުންނަށް ދިމާވި އަލާމާތްތަކަށް ބަލާފައެވެ.

ބަލި ދެނެގަތުމުގެ ދެ އަހަރު ކުރިން ފެނުނު އިންޒާރުގެ އާންމު ހަތަރު އަލާމާތެއް އެ މީހުން ހާމަކުރިއެވެ. އެއީ، ބަނޑުގައި ރިއްސުމާއި، ފުރަގަސް ފަރާތުން ލޭ އައުން، ޑައިރިއާ އަދި ދަގަނޑު މަދުވުން އެނީމިއާ އެވެ.

މި ދިރާސާގައި ބައިވެރިވި ސެއިންޓް ލުއިސްގެ ވޮޝިންޓަން ޔުނިވާސިޓީގެ ސާޖަން ޑރ. ޔިން ކާއޯ ވަނީ ގޮހޮރުގެ ކެންސަރަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއްގެ ގޮތުގައި ނުބެލުމަށް އިންޒާރު ދީފައެވެ.

"އަޅުގަނޑުމެން އެދެނީ ޒުވާން އުމުރުގެ މީހުން މިކަމަށް ހޭލުންތެރިވެ، އެކަމަށް ސަލާމަތީ ފިޔަވަޅު އެޅުން. 50 އަހަރުން ދަށުގެ މީހުންނަށް މި ބަލީގެ ނުރައްކާ ކުޑަ ނަމަވެސް، ގަވައިދުން ކެންސަރު ސްކްރީނިން ހަދަން ސަމާލުކަންދީ"
ޑރ. ޔިން ކާއޯ

ފުރަތަމަ މަރުހަލާގައި ބަލި ދެނެގަނެވިއްޖެ ނަމަ 90 ޕަސެންޓަށް ވުރެ ގިނަ މީހުން ބަލިން ސަލާމަތް ވާއިރު، ކެންސަރު އެހެން ގުނަވަންތަކަށް ފެތުރެން ފަށާފަހުން އެކަން ދެނެގަނެވިއްޖެ ނަމަ ބަލިން ސަލާމަތްވާ މީހުންގެ އަދަދަކީ އެންމެ 13 ޕަސެންޓު ކަމަށް ދިރާސާއިން ދައްކައެެވެ.

ޖާނަލް އޮފް ދަ ނޭޝަނަލް ކެންސަރު އިންސްޓިޓިއުޓްގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ބިނާކޮށްފައި ވަނީ އައިބީއެމް މާކެޓްސްކޭން ކޮމެރިކަލް ޑޭޓާބޭސްއަށް ހުށަހަޅާފައިވާ ހެލްތް އިންޝުއަރެންސް މައްސަލަތަކުގެ މައްޗަށެވެ.

ގޮހޮރުގެ ކެންސަރު ޖެހިފައިވާކަން ފުރަތަމަ މަރުހަލާގައި ދެނެގަނެވިފައިވާ ޕޭޝަންޓަކާއި ބަލި ޖެހިފައި ނުވާ މީހަކާ މި ދިރާސާގައި ވަނީ އަޅާކިޔާފައެވެ. އެއަށްފަހު ސައިންސްވެރިން ވަނީ ގޮހޮރުގެ ކެންސަރާ ގުޅުންހުރި 17 އަލާމާތެއްގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިފައިވޭތޯ ބެލުމަށް ޕޭޝަންޓުންގެ މެޑިކަލް ރިޕޯޓްތައް ބަލާފައެވެ.

މި އެނަލިސިސްއިން ހަތަރު އަލާމާތެއް ފެނިފައިވާއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޕޭޝަންޓުންގެ ވަނީ ބަލި ދެނެގަތުމުގެ ތިން މަސް ކުރިން މަދުވެގެން އެއް އަލާމާތް ފެނިފައެވެ. އަދި އަލާމާތްތައް ގިނަވާ ވަރަކަށް، ބަލީގެ ނުރައްކާ ބޮޑުކަމަށް ދިރާސާއިން ދައްކައެވެ.

މިފަދަ އަލާމާތްތައް ވަގުތުން ދެނެގަނެ ވީހާވެސް އަވަހަކަށް ޑައިގްނޯސްޓިކް ވޯކްއަޕް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ކާއޯ ބުންޏެވެ.

"މިގޮތަށް ކަންތައް ކުރުމުން އަޅުގަނޑުމެންނަށް މި ބަލި ކުރިން ދެނެގަނެވިދާނެ، އޭގެ ސަބަބުން އިތުރަށް އެގްރެސިވް ޓްރީޓްމަންޓެއް ބޭނުންވާ މިންވަރު ކުޑަވެ، ބަލިމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދިރިހުރުމުގެ ރޭޓް ރަނގަޅުވެގެންދާނެ."
ޑރ. ޔިން ކާއޯ

ޒުވާން އުމުރުގެ މީހުންނަށް ގޮހޮރުގެ ކެންސަރު ޖެހޭ މިންވަރު އިތުރުުވުމާ ގުޅިގެން ސައިންސްވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، މި ބަލި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރި، ފަރުވާ ކުރަން އުނދަގޫވުމުން، ފަހު މަރުހަލާގައި ބަލިތައް ދެނެގަތުން ވެސް ވަނީ އިތުރުވެފައެވެ.

މިކަން ހިނގަން މެދުވެރިވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގުނު ނަމަވެސް ސިއްހަތަށް ނުރަނގަޅު ކާނާއާއި ރާ ބުއިމާއި ސިއްހަތާއި މެދު އިހުމާލުވުމަކީ މިކަމުގައި ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

އެމެރިކާގެ ގާތްގަނޑަކަށް 150،000 މީހުންނަށް ކޮންމެ އަހަރަކު ވެސް ކޮލޯން ކެންސަރު ޖެހިފައިވާ ކަމަށް އަންދާޒާކުރެއެވެ.

މި އެލާމްގެ ސަބަބުން އެމެރިކާގެ ޕްރިވެންޓިވް ސާވިސަސް ޓާސްކް ފޯސް އިން ވަނީ ކެންސަރަށް ސްކްރީން ކުރުމަށް ލަފާދޭ އުމުރު 50 އަހަރުން 45 އަހަރަށް ދަށްކޮށްފައެވެ.