ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ރާއްޖޭގެ 50 ސިވިލް ސާވަންޓުން އިންޑިއާ އަށް ފުރައިފިއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ރާވާފައި ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެންސީޖީޖީ ގައެވެ. މި ޕްރޮގްރާމްގެ ދަށުން ތަފާތު ގިނަ ދާއިރާތަކުން ދިވެހި ސިވިލް ސާވަންޓުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެގޮތުން އިންޑިއާ އަދި މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގް ޕެރެޑައިމް އޮފް ގަވާނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވާނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުންވެސް ޖެންޑާ އެންޑް ޑިވެލޮޕްމަންޓް، ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސެންޓްރަލައިޒްޑް ޕަބްލިކް ގަވާނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް ފަދަ ދާއިރާތައް ތަމްރީނުގައި ވަނީ ހިމަނާފައެވެ.

މިއީ ސިވިލް ސާވިސް ކޮމިޝަން އާއި ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭރު ވެވުނު އެއްބަސް ވުމުގެ ދަށުން ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 5 އަހަރުތެރޭ 1000 ސިވިލް ސާވަންޓުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި މި ފަހަރުގެ ޕްރޮގްރާމަށް ފުރި ބައިވެރިންނާއެކު މިހާތަނަށް ޖުމްލަ 689 ބައިވެރިން މި ތަމްރީނު ފުރިހަމަ ކުރާނެއެވެ.