އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓާ ބަންދުން ފިލި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރަސްދޫ ފުލުހުންގެ އިދާރާގައި ބަންދުގައި ހުއްޓާ ފިލާފައިވާތީ ހޯދަމުން ދަނީ އުމުރުން 25 އަހަރުގެ ދަބުގެ / އއ. ހިމަންދޫ، ހުސައިން ޝަހުބާނެވެ.

މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ފުލުހުން ވަނީ ޝަހުބާން ބަންދުކުރި ސަބަބު ހާމަކޮށްފައެވެ.

"ހުސައިން ޝަހުބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް،" ފުލުހުންގެ ޓްވީޓްގައިވެއެވެ.

އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ރަސްދޫ ފުލުހުންނަށް (9791394)، ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މީޑިއާ އަށް މިއަދު ދިން މައުލޫމާތުގައި ފުލުހުން ބުނީ، ޝަހުބާން ފިލާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓާ ފާރު މަތިން ފުންމާލައިގެން ކަމަށެވެ.

ޝަހުބާން ފިލި މައްސަލައާ ގުޅުވައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، އޭނާ ވަނީ ރަސްދޫ ފުލުހުންގެ ސްޓޭޝަންގެ ތަނެއް ފަޅާލައި، ބައެއް ތަކެތި ވަގަށް ގެންގޮސްފައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ޝަހުބާން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.