ގައުމުތަކުން ޒިޔާރާތް ކުރެއްވި އިސްވެރިންގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރާނީ ކެމީލާ، ދެއްވި ރަސްމީ ޖާފަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންފިއެވެ.

ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ހަފުލާ ކުރިއަށް ދިޔައީ ބަކިންހަމް ޕެލަސްގައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކޮމަންވެލްތު ގެ އިސް ލީޑަރުން ވަނީ އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައެވެ.

މި ތާރީހީ ހަފްލާގެ ކުރިން ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި އިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ވަނީ ކޮމަންވެލްތު ލީޑާސް އިވެންޓު ބާއްވާފައެވެ. މި އިވެންޓަކީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔާ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔާ އޮފް ޕީސް އަދި ވަކިން ހާއްސަކޮށް ކޮމަންވެލްތުގެ އާވެރިޔާ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާ ގުޅިގެން ބޭއްވި ހަފްލާއެކެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނުގެ އިތުރުން ޗާލްސްއަަކީ ކޮމަންވެލްތުގެވެސް ވެރިޔާއެވެ. ޗާލްސްއަށް އިނގިރޭސި ތަހުތަށް އިސްކުރެވުނީ، މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތުގެ ރާނީ އަދި ޗާލްސްގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ.