އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލައިފިއެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ރަސްދޫގެ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.

އޭނާ ފިލާފައި ވަނީ ގޮޅިން އިއްޔެ ނެރެފައި ހުއްޓާ ފާރު މަތިން ފުންމާލައިގެން ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ފިލި މީހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ބަންދު ކުރީ ކޮން މައްސަލައެއްގައި ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މީހާ ފިލި މައްސަލައާ ގުޅުވައި، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، އެ މީހާ ވަނީ ރަސްދޫ ފުލުހުންގެ ސްޓޭޝަންގެ ތަނެއް ފަޅާލައި، ބައެއް ތަކެތި ވަގަށް ގެންގޮސްފައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.