ކައްދޫ އެއާޕޯޓްގެ ޗެއާމަން ކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ ރިޓަޔާޑް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ، ޒަކަރިއްޔާ މަންސޫރު ވަނީ ކައްދޫ އެއާޕޯޓްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމާއި ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އެ މާގާމަށް އޭނާ އައްޔަން ކޮށްފައި ވަނީ ގާނޫނު ނަންބަރުގެ 3/2013 ގެ ދަށުން 12 ވަނަ މާއްދާގެ (ޒ)ގެ 2 ގައިވާ ގޮތުގެ މަތިން ކަމަށް އެ ބޯޑުން ބުނެއެވެ.
ޒަކަރިއްޔާ ވަނީ މާސްޓާސް އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓާޑީސް ހާސިލް ކުރައްވާފައެވެ. އަދި މިލިޓަރީގެ ތަފާތު ގިނަ ދާއިރާއިންނާއި ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ކޯސްތަކާއި ތަމްރީންތައް ވެސް އޭނާ ވަނީ ފުރިހަމަ ކުރައްވާފައެވެ.
މީގެ އިތުރުން ޒަކަރިއްޔާ އަކީ އެމްއެންޑީއެފްގައި ތެދުވެރިކަމާ އެކު އިހްލާސްތެރިކަމާ އެކު 39 އަހަރު ހިދުމަތް ކުރައްވާ ލީޑާޝިޕްގެ ގިނަ މަގާމްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެއްދުމާއެކު އެ ކުންފުނިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ވެސް މީގެ ކުރިން އޭނާ ވަނީ އަދާ ކުރައްވާފައެވެ.
މީހާރު އޭނާ އަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.