ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން ކެމްޕެއިން އިފްތިތާހު ކޮށްފިއެވެ.

ބީއެމްއެލުން ބުނީ، އެއް އަހަރުގެ މުއްދަތަކަށް ދެމިގެންދާ މި ކެމްޕެއިން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮންޕެނީ (އެމްއެމްޕީއާރުސީ)، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ވަނީ އެންޑޯޒްކޮށްފައި ކަމަށެވެ.

'އެކްސްޕީރިއަންސް މޯލްޑިވްސް' މެދުވެރިކޮށް، އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ހާއްސަ އޮފާތަކެއް ރާއްޖޭގެ ރިސޯޓްތަކާއ، ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރިތަކުން ހާއްސަ ޑިސްކައުންޓް ވެސް ލިބިގެންދާނެއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް 10 ޕަސެންޓާއި 25 ޕަސެންޓާ ހަމައަށް ސްޕާ/އެކްޓިވިޓީ ޑިސްކައުންޓް ލިބޭ އިރު، އެއްވެސް ހަރަދަކާ ނުލާ ހުރުމުގެ ފުރުސަތުތަކާއި، ރެސްޓޯރަންޓްތަކުން ބޮޑެތި ޑިސްކައުންޓްގެ އިތުރުން މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ފަދަ ގިނަ ފުރުސަތުތަކެއް އެމެކްސް ކާޑު މެންބަރުންނަށް ލިބޭނެއެވެ.

މި ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބައި މިލިއަން ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައި ކަމަށެވެ. ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން މި އަހަރަށް ކަނޑައަޅާފައިވާ 1.8 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ފޯރުކޮށް ދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެމެރިކަން އެކްސްޕްރެސް އާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓް ކުރުމަކީ ވެސް ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ކެމްޕޭންގައި ގިނަގުނަ ފުރުސަތުތަކާއެކު ބައިވެރިވި ޕްރޮޕަޓީސްތަކާއި މާޗެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕާރޓްނާޝިޕް އާ ގުޅޭގޮތުން ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތު ޕެސިފިކް ގްރޯތު މާކެޓްސް، އެމެރިކަން އެކްސްޕްރެސްގެ ވައިސް ޕްރެސިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު ވިދްޔާ ޖައިން ވިދާޅުވީ، ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޕްރީމިއަމް އަދި މުއްސަނދި ފަތުރުވެރިންގެ މެދުގައި އަބަދުވެސް ވަރަށް މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށެވެ. އެކްސްޕީރިއެންސް މޯލްޑިވްސް ކެމްޕޭންގެ އެހީގައި މި ހިތްގައިމު މަންޒިލަށް އިތުރު ޝައުގުވެރިކަމެއް ގެނުވައި ރާއްޖޭގެ އިގްތިސޯދާއި ފަތުރުވެރިކަމުގެ ދާއިރާއަށް މިކަމުގެ ސަބަބުން އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ.

325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.