އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ނ. މާޅެންދޫ ޖެޓީ ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ދިގުރަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 127 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމާއި 420 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މަޝްރޫއުގެ ދަށުން 13،556 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ކީ 11.91 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭ ނިންމުމަށެވެ.
ނ. މާޅެންދޫ ޖެޓީ ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން މި މަޝްރޫޢުގެ ދަށުން، 9،735 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 73 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 386 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 47 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރަށް 30 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ޖެޓީއެއް ހެދުމާއި އަދި 928 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫއުގައި ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 32.34 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.
ފާއިތުވި 42 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާއިއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމުމަރުޙަލާއެއްގައި ކަމަށްވީއިރު އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައިއެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.