ކޮންމެ އަހަރެއްގައި ވެސް ދީމާވާ އެންމެ ހޫނު ދުވަސްވަރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާ ވާހަކަ އާ ގުޅޭ ގޮތުން އިއްޔެއާ މިއަދުގެ ކަރަންޓު ލޯޑް ހިއްސާ ކުރައްވާ ދެ ދުވަހުގެ ކަރަންޓު ލޯޑް ހުރި މިންވަރުފެ ތަފާތާ މެދު ވިސްނާލުމަށް ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ހިއްސާ ކުރެއްވި ތަފާސް ހިސާބަށް ބަލާއިރު، މާލެ ސަރަހައްދުގައި އިއްޔެގެ މެންދުރުފަހު 3:00 ވީ އިރު، ޖުމްލަ ކަރަންޓު ލޯޑު ހުރީ 93،026 އެވެ. އެއީ މާލެއިން 66،051 އަދި ހުޅުމާލެއިން 23،458 އެވެ.
ނަމަވެސް މިއަދުގެ އެ ވަގުތު ކަރަންޓު ލޯޑް ދާށްވެފައިވާ ކަމަށް ޝަރީފް ހިއްސާ ކުރި ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިއަދުގެ 3:00 ގައި މޭލާގެ ކަރަންޓު ލޯޑް ހުރީ 53،343 ގައި އަދި ހުޅުމާލޭގެ ކަރަންޓު ލޯޑް ހުރީ،18،843 ގައި ކަމުން ޖުމްލަ ލޯޑް ވަނީ 74،727 އަށް އަރާފައެވެ.
ދެ ދުވަހުގެ އެއް ވަގުތެއްގައި ބޭނުންކުރާ ކަރަންޓު ލޯޑުން ވަރަށް ބޮޑު ތަފާތެއް އެބަ ފެނެެއެވެ. 18000 ގެ ފަރަގެއް އުޅޭ އިރު މިއަދު ކަރަންޓު ލޯޑް ދަށްވެެން ދިޔައީ ކީއްވެ ތޯ އެއީ ކޮންމެ މީހަކު އަންދާޒާ ކޮށްލުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
މިއަދު ކަރަންޓު ބިލު ދަށް ވެގެން ދިޔަ ކަމަށް ބެލެވެނީ މިއަދަކީ ފިނި ދުވަހެއް ކަމުން ފިނި ކުރުމަށް ބޭނުން ކުރާ އެއާކޮންޑިޝަންތަކުން ކަރަންޓު ބޭނުން ކުރާ މިންވަރު ދަށްވެގެން ދިއުން ކަމަށް ބެލެވެއެވެ.
ހޫނު މޫސުމުގައި ކަރަންޓު ބޭނުން ކުރާ މިންވަރާ ބެހޭގޮތުން ސްޓެލްކޯއިން ބުނާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާޗް އަދި އޭޕްރީލް މަހު ކަރަންޓް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. މާޗް އަދި އޭޕްރީލް މަހު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ އިރު އެ ދުވަސްވަރަކީ ރޯދަ މަހާ ކުރިމަތިލާން ޖެހުނު ދުވަސްވަރު ކަމުން ކަރަންޓް ބިލު ބޮޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އޭޕްރިލް މަހު ކަރަންޓު ބޭނުން ކުރާ މިންވަރު ވަނީ މާޗް މަހަށް ވުރެ އިތުރުވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން މާލެ ސަރަހައްދުގެ ކޮންމެ ގޭބިސީއަކުން އޭޕްރީލް މަހުގެ ކަރަންޓު ބިލުން 500 ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިހާރު ކަރަންޓް ބޭނުން ކުރާ ގޮތަށް ބޭނުން ކުރަމުންދާ ނަމަ އެ އަދަދު ކުރިއަށް އޮތް މެއި މަހު އިތުރުު ވާނެ ކަމަށް ވެސް ލަފާ ކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 ޕަސެންޓު ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް 25 ޑިގްރީއަށް ވުރެ ދަށް ނުވާނެހެން އޭސީ ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ. މީގެ އިތުރުން ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތަ އްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ސްޓެލްކޯ އިން ވަނީ މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުމާއި، އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ.